ދުނިޔެ

ފިލިޕިންސްގެ ފަގީރުން ޕޯޕަށް ފޮރުވައިފި

ކްރިސްޓިއަނުންގެ އިސް ފާދިރީ ޕޯޕް ފްރެންސިސް މިދިޔަ ހަފުތާގައި ފިލިޕިންސަށް ކުރި ދަތުރާ ދިމާކޮށް އެ ގައުމުގެ ފަގީރުން ވަގުތީ ގޮތުން އެހެން ހިސާބުތަކަށް ގެންގޮސް "ފޮރުވި" ކަމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ސޯޝަލް ވެލްފެއާ ސެކްރެޓަރީ ކޮރަޒޮން ސޮލިމަން ވިދާޅުވީ ޕޯޕްގެ ދަތުރާ ދިމާކޮށް، ވެރިރަށް މެނީލާގެ މަގުމަތީގައި ދިރިއުޅޭ 500 ވަރަަކަށް މީހުން ފެންވަރު ރަނގަޅު ރިސޯޓަކަށް ގެންގޮސްފައި ވާނެ ކަމަށެވެ. މި މީހުން ޕޯޕްގެ ދަތުރުގެ އެއް ދުވަސް ކުރިން ގެންގޮސްފައި ވަނީ އަގުބޮޑު ކޮޓަރިތައް ހުންނަ ރިސޯޓަކަށެވެ. އަދި ޕޯޕް ދިޔުމުން އަނެއް ދުވަހު ވަނީ އަނެއްކާވެސް މަގުމަތީގައި އުޅެން ޖެހިފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މެންބަރެއް ކަމަށްވާ ޓެރީ ރިޑޮން ވިދާޅުވީ ސަރުކާރުން ކޮށްފައިވާ މި ކަމަކީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށާއި ޕޯޕްގެ ދަތުރުގައި އެންމެ މުހިިންމު ވާނީ ފަގީރުންނާ ބައްދަލުކުރުން ކަމަށެވެ. މި މައްސަލާގައި ސޯޝަލް ވެލްފެއާ ސެކްރެޓަރީ ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ފިލިޕިންސްގެ މީޑިއާ އިން ބުނެފައިވެ އެވެ.

"ފޮރުވި" ފަގީރުންނަކީ ކްރިސްޓިއަނުންގެ ދީނީ މައި އެއްވުން ބާއްވާ ތަނާ ކައިރީގައި އުޅޭ މީހުންނެވެ. ޕޯޕް އައުމުން އެތަނަށް ހަ މިލިއަނެއްހާ މީހުން ޖަމާވެފައިވެ އެވެ. ސޯޝަލް ވެލްފެއާ ސެކްރެޓަރީ ވިދާޅުވެފައި ވަނީ ފަގީރުން މަގުމަތިން ހުސްކުރީ މީހުން ގިނަވާ ވަގުތު ހިނގާފާނެ ހާދިސާތަކާއި ކުށުގެ އަމަލުތަކުން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި މިއީ ޕޯޕަށް ފަގީރުން ފޮރުވަން ކުރި ކަމެއް ނޫން ކަމަށާއި ޕޯޕް ވަނީ އެތައް ހާސް ފަގީރުންނަކާ ބައްދަލުކޮށްފައި ކަމަށް ވެސް ސޯޝަލް ވެލްފެއާ ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ. -- ބީބީސީ