އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މުޅި ރާއްޖޭގައި ފަށައިފި އެވެ.
މިއީ އެމްޑީޕީގެ ހަޔާތުގައި އެ ޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިހާބެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވިއިރު އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ރާއްޖޭގައި ތާރީހުގައި މިއަދުގެ މި ޕްރައިމަރީ އަކީ ރައީސުލްޖުމްހޫރިއްޔާ ޕްރައިމަރީއެއްގައި ވާދަކުރައްވައިގެން ރިޔާސީ ޓިކެޓް ހޯއްދަވައިގެން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 58،175 މީހުންނެވެ. އެކަމަކު އެމްޑީޕީގެ ޕްރައިމަރީގައި މިއަދު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ. މި ޕްރައިމަރީގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ޖުމްލަ 283 ވޯޓު ބަހައްޓާފައިވެ އެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެމްޑީޕީން ރާވާފައިވާ ގޮތަށް ޕްރައިމަރީގެ ހުރިހާ ކަމެއް ކުރިއަށް ގޮސްފިނަމަ މިރޭ 9:00ގެ ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭ ބޭފުޅެއް ޔަގީން ވެގެންދާނެ އެވެ.
އެމްޑީޕީގެ މީގެކުރިން ވާދަވެރި ޕްރައިމަރީއެއް ބާއްވާފައިވަނީ އޭޕްރީލް 23، 2008 ގައެވެ.