ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޯޓު އޮޅުވާލުމުގެ އެއްވެސް އަމަލެއް ނުހިނގާނެ: ރައީސް

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލުމުގެ އެއްވެސް އަމަލެއް ނުހިނގާނެ ކަމަށް ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ޅ. އަތޮޅުގެ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މި އިންތިހާބުގައި ވޯޓު އޮޅުވާލުމުގެ އެއްވެސް އަމަލެއް ނުހިނގާނެ ކަމަށެވެ.

"އިންތިހާބު އޮޅުވާލުމުގެ އެއްވެސް ކަމެއް ހިނގާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެމްޑީޕީ އަކީ އިންތިހާބު އޮޅުވާލާ ޕާޓީއެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީން ބޭއްވި އެއްވެސް އިންތިހާބެއްގައިވެސް ވޯޓު އޮޅުވާލާފައި ނުވާނެ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ޕާޓީގެ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު މި ޕްރައިމަރީ ކާމިޔާބު ކުރާނީ ބޮޑު އަގުލަބިއްޔަތަކުން -- ޑާބަލް ޑިޖިޓަކުން ކަމަށެވެ.

ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު އެމަނިކުފާނުގެ އަމާޒަކީ ހުރިހާ ދާއިރާތަކަކުން ތާއިީދު ހޯއްދެވުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ސިއްހީ ދާއިރާގެ ޕްރޮފެޝަނަލުންނާއި އެޑިއުކޭޝަން ދާއިރާގެ ބޭފުޅުންގެ ތާއީދު އަޅުގަނޑުމެން ބޭނުންވާނެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު ހުރި ގޮތާއި އަޅުގަނޑުމެންނަށް އެ ތާއީދު ހޯދަން މަސައްކަތްތަކެއް ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެއީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.