އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީގެ ކެންޑިޑޭޓުން ވޯޓު ލައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވޯޓު ލައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު ނަމްބަރު އެކެއް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލެއްވީ މިއަދު ހެނދުނު 11:15 ހާއިރު ޖަމާލުއްދީން ސުކޫލުގައި ހުރި ގަލޮޅު އުތުރުދާއިރާގެ ވޯޓު ފޮއްޓަށެވެ.

ވޯޓުލެއްވުމަށްފަހު އެމަނިކުފާނު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވާފައެއްނުވެއެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް ނަމްބަރު ދޭއް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވޯޓުލެއްވީ މިއަދު ހެނދުނު 10:45 ހާއިރު އިސްކަންދަރު ސުކޫލުގައި ހުންނަ ޅ. އަތޮޅުގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިހުރި ވޯޓު ފޮއްޓަށެވެ.

ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުފުޅު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އަދި އިންތިހާބުގެ ސައްހަކަމާއި މެދު ޝައްކު އުފެއްދުމުގެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ބޮޑުތަނުން ޕްރައިމަރީ ކާމިޔާބު ކުރެވޭކަމުގެ. މި އިންތިހާބުގެ ސައްހަކަމާއި މެދު ޝައްކު އުފެއްދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ. އެކަން ދަންނަ ބޭފުޅުން އެކަމުގަ އެ އުޅުއްވަނީ،" ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 9:00 ގައެވެ. ވޮޓުލުމަށް ވަގުތު ހަމަވާނީ މިއަދު ހަވީރު 5:00 ގެ ނިޔަލަށެވެ.