އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނިކޮށް ގދ. ގައްދޫގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައިފި އެވެ.
ގައްދޫގައި ވޯޓުލުން ކުރިއަށް ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަޕޯޓަރުންނާއި ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންގެ ދެމެދުގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. މިއާއެކު އެ މަރުކަޒުގައި ވޯޓުލުން މެދުކަނޑާލި އެވެ.
މިހަމަނުޖެހުން ހިނގަން މެދުވެރިވީ ބޮޑީ ކެމެރާ ހަރުކޮށްގެން ބަޔަކު ވޯޓުލައި ވޯޓު ލީ ގޮތް ހާމަކުރުމަށް ރެކޯޑް ކުރިކަމުގެ ތުހުމަތާއެކުގަ އެވެ.
މިމައްސަލަ ފެންމަތިވުމާއެކު އެއްބަޔަކު ވޯޓުލާ މަރުކަޒު ތެރެއަށް ވަދެގަނެ ވޯޓް ކަރުދާސްތައް ނަގައި ވީދާލުމަށްފަހު އެތަކެތި ބިންމައްޗަށް އުކާލައި އިދާރީ މޭޒުތައް މައްޗަށް ކޮޅަށް އަރައި އެއްބަޔަކު އަނެއްބަޔަކަށް އިންޒާރުދީ އަޑުގަދަކޮށްފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ތަފާތު އިދާރީ މައްސަލަތަކާއި ވޯޓުލުމާ ގުޅޭ ޝަކުވާތަކެއް ފެންމަތިވެފައިވެ އެވެ.