ރައީސް މުހައްމަދު ނަޝީދު

ދެ ރައީސުން ވެސް ކާމިޔާބީ އިއުލާން ކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވާ ދެ ކެންޑިޑޭޓުންވެސް އިންތިހާބު ކާމިޔާބުކުރައްވާފައިވާ ކަމަށް އިއުލާންކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓިމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓް ނަންބަރު އެކެއް -- ރައީސް ނަޝީދު ކާމިޔަބު ކުރައްވައިފި ކަމަށް އެގްޒިޓް ޕޯލް ތަކުން ދައްކާ ކަމަށެވެ.

"އެގްޒިޓް ޕޯލުތަކުން ދައްކާ ގޮތުގައި ކެންޑިޑޭޓް ނަންބަރު 1 ރައީސް މުހައްމަދު ނަޝީދަށް 64.7 އިންސައްތައިގެ ތަނަވަސް އަގުލަބިއްޔަތެއް ލިބިވަޑައިގަންނަވާނެ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެގްޒިޓް ޕޯލުގެ ނަތީޖާ އެންމެ ފުރަތަމަ އިއުލާން ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ކެމްޕޭން އެޖެންޓް ހަސަން ލަތީފް އެވެ. ބަޔާން ނެރުނީ އޭގެ ފަހުންނެވެ.

ރައީސް ނަޝީދު ޕްރައިމަރީގެ ކާމިޔާބު އިއުލާންކުރުމާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޓީމުން ވެސް ކާމިޔާބީ އިއުލާންކޮށްފަ އެވެ. ރައީސް ސޯލިހްގެ ކެމްޕޭން ޓީމުން ކުރި ޓްވީޓެއްގައި ބުނީ އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރީ 67 އިންސައްތައިގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.