ގދ. ތިނަދޫ

ދިރާގުން ތިނަދޫ މީހުންގެ ފޯނު ޗާޖު ކޮށްދޭން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުގެ ގދ. ތިނަދޫ ގޮފިން އެރަށު ރައްޔިތުންގެ ފޯނުތައް ޗާޖުކޮށްދޭން ފަށައިފި އެވެ.

ދިރާގުން މި މަސައްކަތް ފަށާފައިވަނީ ތިނަދޫ އިންޖީނުގޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ އެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަން ޖެނަރޭޓަރުތައް ގެންދަން ފެށި ނަމަވެސް އަދި ގޭގެޔަަށް ކަރަންޓް ހިދުމަތް ލިބޭގޮތް ވަނީ ނުވެފަ އެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ވަނީ ގިނަގުނަ ދަތިތަކާއި ކުރިމަތި ލާން ޖެހިފަ އެވެ.

އެގޮތުން އެރަށުގައި ހުންނަ ދިރާގު ގޮފީގެ މުވައްޒިފުން މިއަދު ވަނީ ރަށުރައްޔިތުންގެ ފޯނު ޗާޖުކޮށްދިނުމަށް މަސައްކަތް ފަށައިފަ އެވެ. އެ އޮފީހުގެ ބޭރުގައި މޭޒެއްޖަހައި ކަރަންޓު ބޯޑުތައް ބަހައްޓައިގެން ދިރާގުން ހިލޭ ފޯނު ޗާޖުކޮށްދޭން ވަނީ ފަށައިފަ އެވެ. އެކުންފުނީގެ ފޭސްބުކް ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ޕޯނު ޗާޖުކުރަން ބޭނުންވާ ނަމަ ޗާޖަރު ހިފައިގެން ދިރާގު ދިނަދޫ އޮޕަރޭޝަން ސެންޓަރަށް ވަޑައިގެންވުން އެދޭ ކަމަށެވެ.

ރޭ ހިނގައި ދިޔަ މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ފެނަކައިން ބުނީ ތިން ޖެނަރޭޓަރު އެކީ ބޭނުން ނުކުރެވޭ ވަރަށް އަދައިފައިވާ ކަމަށާއި އޭގެ ސަބަބުން 22 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.