ގދ. ތިނަދޫ

ދިރާގުން ތިނަދޫއަށް ޖަނަރޭޓަރެއް ހަދިޔާކޮށްފި

ގއ. ތިނަދޫއިން ކަރަންޓު ކެނޑިފައިވާތީ، އެރަށަށް ދިރާގުން ޖަނަރޭޓަރެއް ހަދިޔާކޮށްފި އެވެ. ދިރާގުން ހަދިޔާކުރީ 75 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ.

ރޭ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ، އެނދުމުގެ ސަބަބުން އިންޖީނު ގެއާއި އިންޖީނުތައް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

ދިރާގުން ބުނީ އެކުފުނިން 75 ކިލޯވޯޓުގެ ޖަނަރޭޓަރެއް މިހާރު ތިނަދޫއަށް ފޮނުވާލާފައިވާ ކަމަށާއި ޖަނަރޭޓަރު ހަދިޔާކުރީ ތިނަދޫގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ތިނަދޫއަށް ގެންދާ ޖަނަރޭޓަކީ އައްޑޫ ސިޓީގައި ހުރި ޖަނަރޭޓަރެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން 75 ކިލޯވޯޓުގެ ޖަނަރޭޓަރެއް ތިނަދޫއަށް ހަދިޔާކޮށްފައިވާއިރު ދިރާގަކީ އެރަށަށް ދިމާވެފައިވާ ކަންތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ކުންފުންޏެވެ. އެގޮތުން ދިރާގުން ދަނީ އަމިއްލަ ހަރަދުގައި އެރަށު ރައްޔިތުންގެ ފޯނުތައް ޗާޖް ކޮށްދެމުންނެވެ. ފޯނުތައް ޗާޖުކުރުމަށް ސްޓޭޝަނެއް ދިރާގުން ގާއިމުކޮށްފައިވާ އެތާ ވަނީ ކިޔު ހަދާފަ އެވެ.

މީގެއިތުރުން ދިރާގުގެ މުވައްޒަފުން ދަނީ ތިނަދޫގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ގޭބިސީތަކަށް ފެން ފުޅިތައް ބެހުމުގެ މަސައްކަތް ތިނަދޫގައި ތިބި ދިރާގުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

ލ. ގާދޫ އާއި ގއ. ވިލިނގިލި އަދި މާމެންދޫ އިން ވެސް ތިނަދޫއަށް ވަނީ ޖަނަރޭޓަރު ގެންގޮސްފަ އެވެ. އަދި މާލޭ ސްޓެލްކޯގައި ހުރި އެއް މަގަވޯޓްގެ ޖަނަރޭޓަރެއް ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ ޖަނަރޭޓަރު ތިނަދޫއަށް ގެންދެވޭނީ މާދަމާ ފަތިހު އެވެ.