ދިރާގު

ތިނަދޫ އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދެނީ

Dec 23, 2020

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިން ނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް ގދ. ތިނަދޫގައި ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

ދިރާގުން ބުނީ "ގާލްސް ޓް ކޯޑް" ގެ ދެވަނަ ޕްރޮގްރާމް "ގާލްސް ޓް ކޯޑް- ތިނަދޫ" ގެ ނަމުގައި ވާޗުއަލްކޮށް ބޭއްވުމަށް ރަޖިސްޓްރޭޝަން އަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ފަށަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. މި ޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށަށް ބައިވެރިވެވެ އެވެ.

އަންހެން ކުދިންނަށް ކޯޑް ކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރު ކުރަން މި ޕްރޮގްރާމް ހިންގާނީ ދެ މަސް ދުވަހުގެ މުއްދަތަށެވެ. ބައިވެރިން އަތުން ފީއެއް ނުނަގާނެ އެވެ.

މި ޕްރޮގްރާމުގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުން ކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރަން ދަސްކޮށްދޭނެ އެވެ.

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން ބުނީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، "ގާލްސް ޓު ކޯޑް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާ އަށް އަންހެން ކުދިން ތައާރަފު ކުރުން ވަރަށް މުހިންމު ކަމަށެވެ.