އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

"ވާދަވެރިކަން ނިމުނީ، އެކުގައި މަސައްކަތް ކުރަން ޖެހޭ"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ނިމުނީ ކަމަށާއި އެއް ބައެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދި ވަޑައިގެންފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރެއްވުމަށް އެމްޑީޕީގެ މައި ޖަގަހަ ސަރަހައްދުގައި ބޭއްވި ހަރަކާތެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އޮތް ވާދަވެރިކަން ދެން މި ނިމުނީ ކަމަށާއި އެކުގައި މަސައްކަތް ކުރުމަށް ވާދަވެރިންނަށް ދައުވަތު އަރުވާ ކަމަށެވެ.

ރައީސް ސޯލިހު ވާދަވެރިންނޭ ވިދާޅުވި އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ބޭނުން ކުރައްވާފައެއް ނުވެ އެވެ.

"ވާދަވެރިންނަށް އަޅުގަނޑު ގޮވާލަނީ ވާދަވެރިކަން ނިމުނީއޭ، އެކަން މިނިމުނީއޭ، ޕާޓީއެކުގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްދެއްވާށޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގައި ނަމޫނާ ދައްކާ ޕާޓިއެއް ކަމަށާއި ވާދަވެރިކަމަކަށްފަހު އެއް ބައެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ. އެމްޑީޕީގެ ވިސްނުން ތަފާތު ނޫން ކަމަށާއި، އެމްޑީޕީއަކީ ސިޔާސީ ޕާޓީތައް ތައާރަފްކޮށް ރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް މަސައްކަތް ކުރާ ބައެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިފަދަ ކެމްޕޭނެއްގައި ހިތްހަމަނުޖެހޭ ކުދިކުދި ކަންކަން ހުންނާނެކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެއިން އެއްވެސް ކަމެއް އެމަނިކުފާނުގެ ހިތްޕުޅުގައި ނެތް ކަމަށެވެ. އެހެންވެ އެންމެން އެކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އެއްމަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެތެރޭގެ އިންތިހާބަކަށް ވުމުން ބައެއްކަންކަން މަޑުޖައްސާލަން ޖެހުނު ކަމަށާއި، ނަމަވެސް އެއްވިސްނުމެއްގައި އެމްޑީޕީން އޮތުމުން ދެން އޮންނަ މަރުހަލާ މާފަސޭހަވެގެންދާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީއަކީ އެއް މަގުސަދެއްގައި އެއްވިސްނުމެއްގައި ރާއްޖެއަށް ހަމަޖެހުމާއި ސުލްހަޔާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ނިކުމެ އޮތް ޕާޓީއެއްކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

އަލުން އެކަތިގަނޑަކަށްވެ އިންތިހާބު ފަސޭހައިން ކާމިޔާބުކުރުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވުރެ ފަސޭހައިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.