ގދ. ތިނަދޫ

ތިނަދޫ ވަނީ 50 އަހަރު ފަހަތަށް ގޮސްފައި: މެންބަރުން

ގދ. ތިނަދޫ މިހާރު އޮތީ މީގެ 50 އަހަރުކުރިން އޮތް ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫގެ ދެ ދާއިރާގެ މެންބަރުން ވިދާޅުވެއްޖެ އެވެ. ރޭ ތިނަދޫ އިންޖީނު ގޭގައި ރޯވެ، 22 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ.

ތިނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، ތިނަދޫއިން ކަރަންޓު ކެނޑިފައިވާއިރު ތިނަދޫ މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ.

"މީގެ 50 އަހަރު ކުރިން އަޅުގަނޑުމެން ތިނަދޫއަށް އެރިއިރު އޮތް ހާލަތުގައި މިހާރު ތިނަދޫ އޮތީ، މިއަހަރަކީ ތިނަދޫގައި މީހުން އާބަދުވިތާ 50 އަހަރު ފުރޭ އަހަރު، މިއަހަރާ ދިމާކޮށް މިކަމެއް މިވީ، އިއްތިފާގަކަށް ވެސް ވެދާނެ، ހަގީގަތުގައި ވެސް ތިނަދޫ މިހާރު އޮތީ އެއްކޮށް ހުއްޓިފައި، އެކަމަމުވެސް ތިނަދޫގެ ރައްޔިތުން ތިބީ ވަރަށް ކެތްތެރިކަމާއެކު،" ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ ތިނަދޫއަކީ ހުޅާ ކައިރި ރަށެއް ކަމަށާއި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ހުޅަށްވުރެ މިއަދު ރޯވި ހުޅު ބޮޑު ކަމަށެވެ.

"މިކަމަކީ ބަޔެއްގެ އިހުމާލުން ނުވަތަ ބަޔަކު ގަސްތުގައި ކުރި ކަމެއް، ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ސައުދުﷲ މި ހާދިސާ ސިފަކުރެއްވީ އަމިއްލަ އަތުގައި ކަތިވަޅުން ޖެހުން ފަދަ ކަމެއްގެ ގޮތުގައެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވީ، ފެނިގެން ދިޔައީ 1962 ވަނަ އަހަރު އަލުން އިޔާދަވެގެން ދިޔަތަން ކަމަށާއި އަމިއްލަ އަތުން އަމިއްލަ މުދާތަކަށް ގެއްލުންދިން މަންޒަރު ކަމަށެވެ.

"އަޅުގަނޑު މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން، 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދިނުމަށް ފެނަކައިގެ ޓީމުން ބާރު ސްޕީޑްގައި ގެންދިނީ މަސައްކަތް ކުރައްވަމުން، އަޅުގަނޑު މި މަސައްކަތް ކުރަނީ ތިނަދޫގެ ރައްޔިތުންނަށް ދިމާވި މި ކާރިސާއިން އަރައިގަތުމަށް ބިޔަ ބޮޑެތި މަސައްކަތްތައް ކުރަމުން،" އަބްދުﷲ ވިދާޅުވި އެވެ.

ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 22 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ފެނަކައިން ބުނެފައިވާއިރު ތިނަދޫގެ ގެތަކަށް ކަރަންޓު ފޯރުކޮށްދެވޭނީ ހަތަރު ދުވަސް ފަހުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ސްޓެލްކޯގައި ހުރި އެއް މެގަވޯޓްގެ ޖެނަރޭޓަރެއް ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ގދ. ގާދޫ އާއި ގއ. ވިލިނގިލި އަދި މާމެންދޫ އިން ޖަނަރޭޓަރު ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.