"ތުރިދޭވް"ގެ "އޮޔޭ އޯޔޭ" ލަވައިގައި ހަރަކާތްތެރިވި ބަތަލާ ސޯނަމް އެތައް އަހަރަކުއްސުރެ ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށްފަހު އަނެއްކާވެސް މުޅިން އާ ފެށުމަކުން ފިލްމީ ކެރިއަރު ފަށަން ތައްޔާރުވެއްޖެ އެވެ.
ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ސޯނަމް ބުނީ އެހާ ދުވަސް ކޮށްފައި އައުމުން ވެސް ފިލްމު އިންޑަސްޓްރީން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކީ ކަމަށެވެ. އަދި މިހާރު ބައެއް ސްކްރިޕްޓްތައް ކިޔަމުންދާ ކަމަށާއި އޭނާގެ މިހާރުގެ އުމުރު ގުޅޭ ރަނގަޅު ރޯލުތައް ކުޅުމަށް ޝައުގުވެރިވާ ކަމަށެވެ. އަދި މިޒަމާނުގެ ހުނަރުވެރި ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރަންވެސް ސޯނަމް ބޭނުން ވެއެވެ.
ސިނަމާގެ އިތުރުން އޯޓީޓީ ޕްލެޓްފޯމަށް ތައްޔާރުކުރާ ފިލްމުތައް ކުޅެންވެސް ސޯނަމް ބޭނުން ވެއެވެ. ސަބަބަކީ މިޒަމާނުގައި އެއީ ވެސް ގިނަ ބަޔަކު ބަލާ މީޑިއަމް އަކަށް ވާތީ އެވެ.
ސޯނަމް އަކީ އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރު ފިލްމު ކުޅެން ފެށުމުގެ މާކުރިން ފިލްމު ކުޅުނު ސޯނަމް އެކެވެ.
ސޯނަމް ބޮލީވުޑަށް ތައާރަފްކޮށްދިނީ 1988ގައި ރިލީޒްކުރި "ވިޖޭ" އިން ޔާޝް ޗޯޕްޅާ އެވެ. އަދި އޭނާގެ މަގުބޫލުކަން އެންމެ ބޮޑަށް އިތުރުވީ "ތުރިދޭވް"ގެ "އޮޔޭ އޯޔޭ" ލަވަ ކުޅެގެންނެވެ.
ގިނަ ބަޔަކު މިއަދުވެސް އޭނާ ދަންނަނީ "އޮޔޭ އޯޔޭ ގާލް"ގެ ގޮތުގަ އެވެ. އަދި 1990ގެ އަހަރުތަކުގައި ސޯނަމް ވަނީ ބޮލީވުޑްގައި ވަރަށް ގަދަޔަށް ފިޔަޖަހާ ތަރިއަކަށް ވެފަ އެވެ.
ސޯނަމް ބުނި ގޮތުގައި އޭނާ ފިލްމު ކުޅުން ހުއްޓާލީ ވަރަށް ޅައުމުރުގައި ކައިވެނި ކުރުމަށްފަހު އަމިއްލަ ސަބަބުތަކަކާ ހެދި އިންޑިއާ ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.
"އަހަންނަކަށް ނޭނގެ އެ ދުވަސްވަރު އަހަރެންގެ ވިސްނުން ހުރި ގޮތެއް. އޭރު ބޭނުންވީ ކައިވެނިކޮށްގެން އާއިލާއެއް ފަށަން. އަހަންނަށް ހީވަނީ އޭރު މާއުމުރު ހަގުކަމުން ރަނގަޅަށް ނުވިސްނުނީހެން ހަދަންވީ ގޮތެއް،" ސޯނަމް ބުންޏެވެ.
އުމުރުން 17 އަހަރުގައި ސޯނަމް ކައިވެނިކުރީ އޭރުގެ މަޝްހޫރު ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ރަޖީވް ރާއީ އެވެ. އަދި 2016ގައި އޭނާ ވަނީ ރަޖީވް އާ ވަކިވެފަ އެވެ.
ސޯނަމް ބުނީ ކައިވެނިކުރަން ބޭނުންވެގެން ފިލްމު ކުޅުމާ ދުރުވިއިރު ވަރަށް ގިނަ ރަނގަޅު ފިލްމުތަކެއް އޭނާއަށް ކުޅެން ލިބިފައި ހުއްޓެވެ. އޭގެ ތެރޭގައި ސަލްމާން ޚާނާ އެކު ކުޅެން ލިބުނު "ބާޣީ" އާއި "ލުޓޭރޭ" ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑް ސިނަމާގައި ވިދާލި ސޯނަމް ހުރި ގޮތާއި އޭގެ 30 އަހަރު ފަހުން މިހާރު ސޯނަމް ހުރި ގޮތާ ވަރަށް ބޮޑަށް ތަފާތެވެ. ވީމާ ކުރިން ދަންނަ މީހުންނަށް ވެސް މިހާރު އޭނާ ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ.