ލައިފްސްޓައިލް

އިންޑިއާގެ ރަށްފުށުގެ ސްކޫލެއްގައި އެންމެ ޓީޗަރަކާއި އެންމެ ދަރިވަރެއް

އިންޑިއާ އަކީ ކިޔަވައިދިނުމުގެ ރޮނގުން ދުނިޔޭން ގުނާލެވޭ ގައުމެކެވެ. އަދި މިހާރު އެ ގައުމުގެ ރަށްފުށުގެ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް އެމީހުންގެ ދަރިންނަށް ކިޔަވައިދިނުމުގެ މުހިއްމުކަން ވިސްނިފައި ވެއެވެ. ކިތަންމެ ފަގީރު ހާލުގައި އުޅުނަސް ގަވާއިދުން ދަރިން ސްކޫލަށް ފޮނުވަން އެމީހުން މިހާރު ބޭނުން ވެއެވެ.

އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދޭން އިންޑިއާ ސަރުކާރުން ބޭނުން ވެއެވެ. އެގޮތުން މަހަރަޝްތުރާގެ ރަށްފުށުގެ ހިސާބުގައި ހުންނަ ސަރުކާރު ސްކޫލަކަށް ކިޔަވަން ދަނީ އެންމެ ދަރިވަރަކަށް ވީ ނަމަވެސް އެ ދަރިވަރަށް ކިޔަވައިދޭން ޓީޗަރަކު ހަމަޖައްސައި އެ ސްކޫލުގެ މަސައްކަތް ބަރާބަރަށް ހިނގާނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

މި ސްކޫލް ހުންނަނީ ވާޝިމް ޑިސްޓްރިކްޓް އާއި 22 މޭލު ދުރުގައި އޮންނަ ގަނޭޝްޕޫރުގަ އެވެ. މި އަވަށަކީ މި ޑިސްޓްރިކްޓްގައި އޮންނަ އެންމެ ކުޑަ އަވަށެވެ. އަވަށުގެ އާބާދީގައި ތިބީ 150 މީހުންނެވެ.

މި އަވަށުގައި ސްކޫލެއް ހުރިއިރު އެތަނުގައި ކިޔަވަނީ ކާރްތިކް ޝީގޯކަރް ކިޔާ އެންމެ ކުއްޖެކެވެ.

މި ސްކޫލްގައި ގްރޭޑް 1 އިން ފެށިގެން 4 އާ ހަމައަށް ކިޔަވައިދޭއިރު މި ކުއްޖާ މިހާރު ކިޔަވަނީ ގްރޭޑް 3 ގައެވެ. ފާއިތުވީ ދެ އަހަރުއްސުރެ މި ކުއްޖާ ކިޔަވަނީ އެ ސްކޫލްގަ އެވެ.

މި ކުއްޖާއަށް ކިޔަވައިދެނީ ކިޝޯރް މަންކަރް ކިޔާ ޓީޗަރެކެވެ. މި ޓީޗަރު ކޮންމެ ދުވަހަކު 12 ކިލޯ މީޓަރުގެ ދުރު ރާސްތާއެއް ކަޑައްތުކުރުމަށްފަހު މި ކުއްޖާއަށް ކިޔަވައިދޭން ސްކޫލަށް ދެއެވެ.

އެހެން ސްކޫލް ތަކެކޭ އެއްފަދައިން މި ސްކޫލްގައި ވެސް ކޮންމެ ދުވަހަކުވެސް އެސެމްބްލީ އޮވެ އެވެ. އަދި ސްކޫލް ކިޔެވުން ފެށެނީ ޓީޗަރާއި ދަރިވަރު ބައިވެރިވާ ގައުމީ ސަލާމުންނެވެ.

މި ދަރިވަރަށް ހުރީ މާއްދާއެއް ވެސް ކިޔަވައިދެނީ މި ޓީޗަރެވެ. ދުވާލުގެ އެކި ގަޑިތަކަށް ބަހާލައިގެންނެވެ. އަދި ސަރުކާރުން ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންނަށް ދޭ މެންދުރު ކެއުން މި ޓީޗަރާއި ދަރިވަރަށް ވެސް ކޮންމެ ދުވަހަކުވެސް ލިބެ އެވެ.