އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ: ރައީސްއަށް 61 ޕަސަންޓް، ނަޝީދަށް 39 ޕަސަންޓް

Jan 29, 2023
3

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ ތެރެއިން 24،572 ވޯޓު ހޯއްދަވައިގެންނެވެ. މިއީ 61 އިންސަތަ އެވެ.

ރައީސް ސޯލިހްގެ ވާދަވެރި ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ. މިއީ 39 އިންސައްތަ އެވެ.

ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީ ފިޔަވާ ހުރިހާ ސިޓީއެއްގެ ވޯޓު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. މާލެ ސިޓީ ކާމިޔާބު ކުރައްވާނީ ރައީސް ނަޝީދު ކަމަށް ކުރިން ބެލެވެނު ނަމަވެސް 51 އިންސައްތަ ހޯއްދަވައިގެން މާލެ ސިޓީ ވެސް ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. 2،199 ވޯޓެވެ. ރައީސް ނަޝީދަށް މާލެ އިން ލިބިވަޑައިގަތީ 49 އިންސައްތަ އެވެ. އެއީ 2،115 ވޯޓެވެ.

އެމްޑީޕީ އިން އާންމުކޮށްފައިވާ ޕްރައިމަރީއާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ވޯޓުގައި 40،887 މީހުން ވޯޓުލާފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 58،175 މީހުންނެވެ. އެކަމަކު އެމްޑީޕީގެ ޕްރައިމަރީގައި އިއްޔެ ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ.

ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކާމިޔާބަށްފަހު އެމަނިކުފާނު ރޭ ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް އެދިވަޑައިގަތީ ޕްރައިމަރީ ނިމިފައިވާތީ އަލުން އެމްޑީޕީގެ ހުރިހާ މެންބަރުން އެކަތިގަނޑެެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ކެމްޕޭން ވާދައާއި ފޯރީގައި ދެކެވިފައި ހުރި ވާހަކަތަކާއި ކުރެވިފައި ކަންކަން ހަނދާން ނައްތާލުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވާނެ ގޮތަށް މަސައްކަތް ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެންނެވި ނަމަވެސް އަދި ބަލިގަބޫލުކުރައްވާފައެއް ނުވެ އެވެ.