ފިނިޕޭޖް

ރީޓާ އާއި ޓައިކާ ކައިވެނިކޮށްފި ކަމަށް އެއްބަސްވެއްޖެ

އިނގިރޭސި ވިލާތުގެ ލަވަ ކިއުންތެރިޔާ ރީޓާ އޯރާ އޭނާގެ ލޯބިވެރިޔާ ނިއު ޑީލެންޑްގެ އެކްޓަރު، ރައިޓާ އަދި ޑައިރެކްޓަރު ޓައިކާ ވައިޓިޓީއާ ކައިވެނިކޮށްފި ކަމަށް އެއްބަސްވެއްޖެ އެވެ.

ރީޓާ ކައިވެނިކުރިކަމަށް އެއްބަސްވީ އޭނާގެ ސިންގަލްއެއް ކަމުގައިވާ "ޔޫ އޮންލީ ލަވް މީ" ޕްރޮމޯޓް ކުރުމަށް އިނގިރޭސިވިލާތުގެ ރޭޑިއޯ ޕްރޮގްރާމެއް ކަމުގައިވާ ހާޓް ބްރެކްފަސްޓްގައި ވާހަކަދައްކަމުންނެވެ.

ރީޓާ މިކަމަށް އެއްބަސްވީ ކައިވެނީގެ ހަބަރު ފެތުރުނުތާ ފަސް މަސް ފަހުންނެވެ.

މި ހަބަރު ފެތުރިފައިވާ އެންމެ ބޮޑު ސަބަބަކީ 32 އަހަރުގެ ރީޓާ އާއި 47 އަހަރުގެ ޓައިކާ އަތާ އަތް ގުޅުވައިގެން ވެޑިން ބޭންޑް އަޅައިގެން ތިބިކަން ސޯޝަލް މީޑިއާ އިން ފާހަގަކުރެވިގެންނެވެ.

ރީޓާ ބުނީ އޭނާގެ ވެޑިން އަކީ ނައިސް އަދި ޕާފެކްޓް ވެޑިންއެއް ކަމަށާއި އެކަން ކުރިއަށް ދިޔައީ ރީޓާ އެންމެ ބޭނުންވި ގޮތަށް ކަމަށެވެ. ރީޓާ ބުނީ އެއް ދުވަހަކުން ބޮޑު ޕާޓީއެއް ބާއްވާނެ ކަމަށެވެ.

ރީޓާ އާއި ޓައިކާގެ ލޯބީގެ ގުޅުން ހާމަކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ. އަދި ކައިވެނިކުރި ކަމުގެ ހަބަރު ފެތުރުނީ 2022ގެ އޮގަސްޓް މަހުގަ އެވެ.

ރީޓާ އޯރާ އަކީ "ހޮޓް ރައިޓް ނައު"، "އާރްއައިޕީ"، "ހައު ޑޫ ވީ ޕާޓީ"، "ޔޯ ސޯންގް" ފަދަ ގިނަ އަދަދެއްގެ ހިޓް ލަވަ ކިޔާފައިވާ ތަރިއެކެވެ. އަދި ޓައިކާ ވައިޓިޓީ އަކީ "ޖޯ ޖޯ ރެބިޓް" އާއި "ތޯ: ރެގްނަރޮކް" އާއި "ތޯ: ލަވް އެންޑް ތަންޑާ" ފަދަ ފިލްމް ލިޔެ/ޑައިރެކްޓްކޮށް، "ބެސްޓް އެޑަޕްޓެޑް ސްކްރީންޕްލޭ" ކެޓަގަރީ އިން އޮސްކާ އެވޯޑް ލިބިފައިވާ މީހެކެވެ.