( 26 ޖެނުއަރީ 2023 އާ ގުޅޭ )
ދެއަތަށް ބޮނޑިކޮށްލެވިފައިވާ ރަޖާގަނޑު ތެރޭ މޫނުފޮރުވައިގެން އިނދެ ލައިލީ ރޮމުންދިޔައެވެ. އިންތިހާއަށް ހިތުގައި ޖެހިފައި އިނދެ ގިސްލަމުންނެވެ.
* * * * *
ތަސްލީމާއާއި ނޫރީއާއެކު ލައިލީ އިނީ "ފަންކިޑްސް"ގަ އެވެ. އެއީ ކުޑަކުދީންނަށް ޚާއްޞަ ރެސްޓޯރެންޓެކެވެ. ތަސްލީމާގެ ދަރިފުޅާއެކު ނޫރީގެ ދެ ދަރިން ކުޅޭ އެއްޗެހިތައް ހުރި ދިމާ މެޓުމަތީ ތިއްބެވެ. ދަރީން ގޮވައިގެން ނޫރީ އާންމުކޮށް އަންނަ ތަނަކަށް އެތަންވެއެވެ. އޯފް ދުވަހެއް ލިބުމުން މުޅި ދުވަހު ގޭގައި ހުންނަން ލައިލީ ބޭނުންނުވީއެވެ. އެކުވެރީންގެ ތެރެއިން ވަގުތުވީ ތަސްލީމާއާއި ނޫރީއަށެވެ. ދަރީން ގޮވައިގެން ދެވޭ ކޮންމެ ތަނަކަށް އެމީހުން ތިބީ އަންނާށެވެ.
"ކަލޭމެން ދެމީހުންގެ ނިންމުން ވެސް ރަނގަޅެއްނޫން. ދަރަކްއަށް އެހެން އެވީ ލައިގެ ސަބަބުން. ޔޫ ވާ ފުޝިން ޓޫ ފާ." ނޫރީ ބުންޏެވެ. އޭނާ ކުށްވެރި ކުރީ ލައިލީއެވެ.
"އެކަމަކު އަހަރެން ޓްރީމެންޓް ފެށީ ދަރަކް ކައިރީ ނުބުނެއެއްނޫން. ކިތައް ފަހަރަށް ކިތައް ޓެސްޓު ހަދަން އަހަރެން ދިޔައިން. އެކަމަށް އެތައް ވަގުތެއް ހުސްކުރީން. އަނެއްކޮޅުން ޓެސްޓުތަކަށް ހާދަ ޚަރަދެއް ހިނގިއޭ. މިހާވަރުކޮށްފައި ހުއްޓާލަން ޖެހުނީމަ... ކުލިނިކުން ގުޅި އެޕޮއިންޓްމެންޓް ހަނދާންކޮށްދޭން. އެކަމަކު އަހަރެން އޭތި ކެންސަލް ކުރީ. ކަމެއް ނުކުރެވުނުއިރު ޑަކްޓަރަށް ދައްކަން ދިއުމުގެ ބޭނުމެއްނެތެއްނު." ފޫހިކަމާއެކު ލައިލީ ހާމަކުރިއެވެ.
"އަހަންނަށް އަންޑަސްޓޭންޑް ވޭ ލައި ތިބުނާ އެއްޗެއް. އަސްލު ފިރިހެނުންނެކޭ ކުޑަކުދީންނެކޭ ތަފާތެއްނެތް. އެމީހުން ބޭނުންވާ ގޮތަށް ކަންކަން ވާން ޖެހޭނީ. އެމީހުންގެ އިޙްސާސްތަކާއި ވިސްނުމާ ދެކޮޅުވެއްޖެނަމަ އެކަމެއް ކުރުވާކަށް ފަސޭހައެއްނުވާނެ. ލައި ކުއްޖަކު ހޯދަން ތިއުޅެނީ... ދަރަކް ދަރިއަކު ބޭނުންވާކަން ލައިއަށް ޔަގީންތަ؟." ވާހަކައިގެ ތެރެއިން ތަސްލީމާ ސުވާލުކުރިއެވެ.
"ތެދަށް ބުނަންޏާ މީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް. ވީހާ ވެސް އަވަހަކަށް ކުއްޖަކު ހޯދަން ބޭނުންވީ. އެކަމާ ދަރަކް އެއްޗެކޭ ނުބުނޭ. އެކަމަކު މުޅިއަކުން ހިތްހަމަޖެހިފައެއް ވެސް ނޫން ހުރީ." ލައިލީއަށް ބުނެވުނެވެ.
"ތީ ގޯސްވީ ސަބަބު. ތިވަރުގެ ކަމެއް ލައި އެކަނި ނިންމީމަ. ދެމަފިރިންގެ ޚިޔާލު ވަރަށް މުހިންމުވާނެ. ދެ މީހުން އެއްކަމެއް ހާސިލުކުރާން އެއް މިސްރާބަކަށް ދަތުރުނުކޮށް ކިހިނެއް ތިކަންވާނީ. ދަރަކް ތައްޔާރު ނޫންއިރު ލައި ބަނޑުބޮޑުވެއްޖެއްޔާ އެވާނީ ދަރަކްއަށް ކުރިމަތިވާ މަޖުބޫރީއަކަށް. އޭރުން ތި ދެމެދުގައި ހަމަޖެހުން އޮންނާނޭހެން ހީވޭތަ؟." ނޫރީ ބުންޏެވެ.
"ކީއްވެ ކުއްލިއަކަށް ދަރިއަކު ހޯދަން ލައި ބޭނުންވީ." ތަސްލީމާ އަހާލިއެވެ.
"މިހާރު އިނދެގެން އުޅޭތާ ތިން އަހަރުވީ. އަނެއްކާ ދަރަކްގެ މަންމަމެން އެ ތިބެނީ އަހަރެން ބަނޑުބޮޑުވާނީ ކޮންއިރަކުންތޯ ބަލަބަލާ." ލައިލީ ބުންޏެވެ. ނަމަވެސް ރައްޓެހިންގެ ކުރިމަތީ ލައިލީއަށް ހަޤީޤަތެއް ނުފޮރުވުނެވެ. އޭނާ ކަމެއް ފޮރުވަނީކަން ތަސްލީމާއާއި ނޫރީ ނިކަން އަވަހަށް ދެނެގެންފިއެވެ. އަސްލު މައްސަލައަކީ ކޮބާތޯ އެމީހުން ސުވާލު ކުރީ އެހެންވެއެވެ. އެއާއެކު ލައިލީއަށް އިސްޖަހާލެވުނެވެ. ސިޔާއާއި ކިރަން ފަދައިން ދެންތިބި އެކުވެރީންނަށް ވެސް ކޮންމެވެސް ހިސާބަކުން ހަޤީޤަތް އެނގޭނެއެވެ. އެންމެން އެއްކޮށް ބައްދަލުވެއްޖެނަމަ އެމީހުން އެ ވާހަކަ ނުދައްކައެއް ވެސް ނުތިބޭނެކަން ލައިލީއަށް އެނގެއެވެ.
"ދަރަކް... އަހަންނަށް ޗީޓު ކުރަނީ." ޖެހިލުންވެފައި އިނދެ މަޑުމަޑުން ލައިލީ ބުނެލިއެވެ.
"ވަޓް!... ހަމަތެދެއްތަ ތީ." ނޫރީއަށް ލިބުނު ސިހުމާ އެއްވަރަށް އޭނާގެ އަޑު ވެސް ބާރުވެލިއެވެ.
"އެކަމަކު އެކަން ޔަގީންކުރާކަށް އަހަރެން އަތަކު މާބޮޑު ހެއްކެއްނެތް." ލައިލީ ބުންޏެވެ.
"މާބޮޑަށް ލައި ކަންކަމާ ތި ވިސްނަނީ." ތަސްލީމާ ބުންޏެވެ.
"ދަރަކްއަށް ބަދަލުތަކެއް އަތުވެއްޖެ. އަހަރެން ބޭނުމެއްނޫން ދަރަކްއާ މައްސަލައެއް ޖެހޭކަށް. އަހަރެމެންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އަންނާކަށް... އެހެންވެ... ހިތަށް އެރީ އަހަރެމެންގެ ދަރިއަކު ހުރިއްޔާ އެކުއްޖާ އަހަރެމެން ދެ މީހުންނަށް ވެސް މުހިންމުވާނޭ. ދަރަކްއަށް ޢާއިލާ ކިހާ މުހިންމުކަން އަހަންނަށް އެނގޭ. އެ ދަރިފުޅު އަހަރެމެންގެ ދެމީހުން ގާތްކޮށްދޭނެ." ލައިލީގެ ވިސްނުން އެކުވެރީންނަށް ކިޔާދިނެވެ. އެ ވާހަކަތައް އަޑު އަހާފައި ތަސްލީމާ ދޫކޮށްލީ ފުންނޭވާއެކެވެ. ނޫރީ ބޯހޫރާލީ އެއްގޮތަކަށް ވެސް ގަޔާނުވެގެންނެވެ. ނޫރީގެ މިޒާޖުގެ ގޮތުން އަބަދުވެސް ވާހަކަދައްކާނީ ކަން އޮންނަ ގޮތަށެވެ.
"ތިކަން ތިކުރީ ވަރަށް ގޯސްކޮށް. ލައި ކުއްޖެއް ހޯދަން ނިންމާއިރު ދަރަކް ވެސް އެކަމަށް ތައްޔާރުތޯ އަހާލިނަމަ. އެހެންނޫނަސް މާބޮޑު ހެއްކެއްނެތްއިރު ދަރަކް ޗީޓުކުރާކަމެއް ޔަގީންވަނީއެއް ވެސް ނޫނެއްނު. ދަރިއަކު ހޯދުމަކީ ކުޑަ ނިންމުމެކޭ ލައިއަށް ހީވަނީތަ؟." ނޫރީގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަން ވިއެވެ.
"ލައި. ޕްރެގްވުމުން ނިމުނީއެއްނޫން. ބަނޑުބޮޑުވުމަށްފަހު ވިހަންވަންދެން ހާދަކަމަކާ ކުރިމަތިލާން ޖެހެއޭ. އެއީ ތި ހީކުރާހާ ފަސޭހަކަމެއްނޫން. އެކުގައި އެހީތެރިވެދީ އެއްބާރުލުންދޭނެ ބައިވެރިއަކަށް އެ ދުވަސްތަކުގައި ނުހަނު ބޭނުންވާނެ. އެހެންނޫނީ އެކަމުން ހާސިލުވާންޖެހޭ ހަޤީޤީ އުފާވެރިކަމެއް ނުލިބޭނެ. އަނެއްކޮޅުން ލައިއަށް ކުއްޖަކު ލިބުނަސް އެއްވެސް ޔަގީންކަމެއް ނޯންނާނެ ތި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ދެމި އޮންނާނޭކަމެއް. އަދި މިހާރުގެ ހާލަތަށް ހެޔޮ ބަދަލެއް އަންނާނެކަމެއް. ވިހައިގެން އަންހެން މީހާއަށް އަންނަ ބަދަލުތަކުން ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުގެ އަސަރު ކުރޭ. ވަރަށް ގިނަ އަންހެނުންނަށް ދިމާވާކަމެއް އެއީ. ޕޯސްޓްޕޯޓަމް ޑިޕްރެޝަންއަށް ދިއުން... އެދުވަސްކޮޅު އަނބިމީހާއަށް ފިރިމީހާގެ ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވާނެ. ފިރިމީހާގެ އޯގާތެރި ބަސްތަކުން އަނބިމީހާގެ ނަފްސުގެ މައްޗަށް އޮންނަ ޔަގީންކަން އިތުރުވާނީ. އެކަމަކު ވިސްނަންވާނެ ނަފްސާނީ ގޮތުން އަސަރުކުރާނީ ހަމައެކަނި އަންހެނުންނަށް އެކަންޏެއްނޫންކަން. އަލަތު ދަރިފުޅަކީ ދެމަފިރިންނަށް ވެސް މުޅީން އާ ތަޖުރިބާއެއް. އެ ބަދަލުތައް ދަރަކްއަށް ކަމުނުގޮސްފިއްޔާ ދެން ކިހިނެއް ހަދާނީ. އޭނާ އެކަމަށް ތައްޔާރުނުވަނީސް ލައި އޭނާއަށް މަޖުބޫރުކުރީމާ ދަރިފުޅާއި ލައިއަށް އޭނާގެ ސަމާލުކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްތަ؟. ދަރީން ލިބުމުން އަނބިމީހާގެ މަތިން ފޫހިވާ ފިރިހެނުން ވެސް މަދެއްނޫން. އަހަންނަށް އެނގޭ ދަރިފުޅު ލިބިގެން ފުރަތަމަ ދެމަހު ހައްޔާނަށް އައި ބަދަލު. އަހަރެމެން ދެމީހުން ތިބެނީ ވަރުބަލިވެގެން ހަލާކުވެފައި. އަހަރެމެން ވެސް ދަރިފުޅާއެކު އަލަށް ކަންކަން ދަސްކުރަމުން އައީ." ތަސްލީމާގެ ތަޖުރިބާއާއެކީ އޭނާ ލައިލީއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"ލައި. ދަރިއަކު ހޯދުމަށްވުރެ މީ ތި ދެމެދުގައި އިތުބާރާއި ޔަގީންކަން ވަރުގަދަކުރާންވީ ވަގުތު. އެހެންނޫނީ ދަރިއަކު ލިބުނީމާ އޮންނާނީ މާ ލަސްވެފައި. އެކަމާ ފަހުން ދެރަވާންޖެހިދާނެ. އޭރުން މާދެރައެއްނު. ބަލާ މިހާރު ޔޫންއަށް ޖެހިފަ އިން ހާލު." ނޫރީގެ ޚިޔާލު ފާޅުކުރިއެވެ.
"ޔޫންއޭ..." ލައިލީއަށް ހައިރާންކަމާއެކު ބުނެލެވުނެވެ.
"ސޮރީ." ނޫރީ ދެއަތް ޖޯޑުކޮށްލުމާއެކު ބަލާލީ ތަސްލީމާއާ ދިމާއަށެވެ. އޭނާއަށް ހާމަ ކުރެވުނީ ބުނެގެންނުވާނޭ ވާހަކައެއްކަން ނޫރީއަށް ރެއަކާލީއެވެ. އެ ދެމީހުންގެ މޫނަށް ލައިލީ ބަލާލިއެވެ.
"ފާޓީލިޓީ ކުލިނިކުން އަހަންނާއި ޔޫން ދިމާވި." ލައިލީ ބުންޏެވެ.
"ޔޫން ބުނިތަ އެއްވެސް އެއްޗެކޭ." ތަސްލީމާ އަހާލިއެވެ. އެއާއެކު އެމީހުންނަށް ކޮންމެވެސް ކަމެއް އެނގޭކަން ލައިލީއަށް ޔަގީންވިއެވެ.
"އަހަންނަށްފެނުނީ... ޕްރެގްނެންސީ ސްކޭން. އެކަމަކު ޔޫން ކައިރީ އެހީމަ އޭނާ ބުނީ ޕްރެގްއެއްނޫނޭ. ނޭނގެ ދޮގު ހެދީ ކީއްވެކަމެއް. ތަސް ކައިރީ އަހަން ހިތަށް އަރުވައިގެން އަހަރެން ހުރީ." ލައިލީ ކިޔާދިނެވެ.
"ޔޫން އުޅެނީ ކަންތައްގަނޑެއް ލައިގަނެގެން." ނޫރީ އިނދެފައި ބުންޏެވެ.
"އިދާން ކަމެއްކުރީތަ؟. އޭނަ ހުޅުމާލެއަށް ބަދަލުވެގެން އަހަރެމެން ދިޔައިމެންނު. އެ ދުވަހު އިދާން ގެއަށް އައީ އަހަރެމެން އެ ގޭގައި ތިއްބާ. އިދާން އައިފަހުން ޔޫން ނިކަން ފާޑަކަށް އުޅުނީ. އެ ދެމީހުން ކޮޓަރީގައި ތިބިއިރު ދެފަހަރެއްގެ މަތިން ބާރު އަޑުފަށްގަނޑެއް ވެސް އިވުނު. ޔޫން އުޅުނީ އަވަހަށް އަހަރެމެން ފޮނުވާނުލެވިގެން." އެ ދުވަހު ކަންކަން ހިނގައިދިޔަ ގޮތް ތަސްލީމާއާއި ނޫރީއަށް ލައިލީ ކިޔާދިނީ އޭގެ ދެމީހުން އެ ދުވަހު ނުދާތީއެވެ. އެންމެންގެ ތެރެއިން ޔޫންއާ އެންމެ ގާތްކޮށް އުޅެނީ ތަސްލީމާއެވެ. ލައިލީގެ ވާހަކަ އަޑު އަހާފައި ތަސްލީމާ ވާހަކަދައްކަން ފެށީ ދެ ޚިޔާލެއްގައި އިނދެއެވެ. ޔޫން ނެތްތަނުގައި އޭނާގެ ޒާތީ ވާހަކަތަކެއް ހާމަކުރާންވީމައެވެ.
"އިދާން އޭނާއަށް އަނިޔާކުރާ ހެނެއް ހިޔެއްނުވޭ. އެކަމަކު މީހަކު ހެދިހާ ގޮތެއް ހެދިގެން ހުރެގެން ވެސް ނުވާނެ. ޔޫންގެ މައްސަލައަކީ އެއީ." ތަސްލީމާ ބުންޏެވެ.
"އެޔަށް ކިޔަނީ ނަފްސާނީ އަނިޔާ." ތަސްލީމާއަށް ބަލަންއިނދެ ނޫރީ ބުންޏެވެ. ލައިލީއަށް އަޑުއިވުނު ގޮތް ގޯހީބާއޭ ހިތަށް އަރާ ނޫރީ ބުނި އެއްޗެއް ތަކުރާރުކޮށްލެވުނެވެ. އިދާންގެ އެކަހަލަ ސިފައެއް ހުރެދާނޭ އޭނާއަށް ބަލާލާފައި އެކަކުވެސް ހިޔެއްނުކުރާނެއެވެ. ލައިލީއަށް ވެސް ހައިރާންކަން ލިބުނީ އެހެންވެއެވެ.
"އެމީހުން ރައްޓެހިވެގެން އުޅުންއިރު ވެސް ޔޫން ބުނޭ އިދާން ވަރަށް ގިނައިން މެސެޖު ކުރާކަން. ޔޫން އުޅޭނޫޅޭ ގޮތް ބަލަންވެގެން. އޭރު ދެން އެކަން އެހާ ބޮޑުކަމެއް ގޮތުގައި މަށެއް ވެސް ނުދެކެން. މެރީކުރީމަ ޔޫންއަށް ވެސް ހަޤީޤީ އިދާން ފެނުނީ. އޭނާގެ ހުންނަ ސިނގުރުޅި ފެންނަންފެށީ. ޔޫން ވަޒީފާއަކަށްދާން އިދާން ޤަބޫލެއްނޫން. ފިރިމީހާއަށް އަނބިމީހާގެ ހުރިހާކަމެއް ބެލެހެއްޓޭއިރު އަނބިމީހާ ވަޒީފާ އަދާކުރުމުގެ ބޭނުމެއްނެތޭ އިދާން ބުނީ. މެރީ ކުރަންވެގެން ޔޫން ޖޮބުން ކެނޑުނީ އެހެންވެ. ދެން މާގިނައިން ރައްޓެހިންނާ ވާހަކަދައްކާތީ އެކަމާ ވެސް އިދާނަށް އަސަރުކޮށްފި. އޭގެ ފަހުން ޔޫން އަހަރެމެންނާއެކީ ބޭރަށްދާތީ އެކަން ވެސް އިދާނަށް ކަމަކުނުދޭ. މާގިނައިން ޔޫން ބޭރަށް ދަނިއްޔޯ. ނުވިތާކަށް އޭނާއަށް ނޭނގި ޔޫންއަށް އެއްވެސް ޚަރަދެއް ވެސް ނުކުރެވޭ. ޚަރަދުކުރާ ވަރުގެ ތަފްސީލު ރިޕޯޓު އިދާނަށް ހުށަހަޅަންޖެހޭ. އޭނާ މިހާރު ގޭގަ ދެން އެހެން އެ ހުންނަނީ. ކުރަން ބޭނުންކަމެއް ނުކުރެވިފައި. ތަނަކަށް ދާހިތްވިޔަސް އިދާން ހިތްހަމަނުޖެހިދާނެތީ ނުގޮސް. އެހެންވީމަ ވެސް މީހާ ބޯގޮވާނެ ދޯ. އިދާން އޭނާގެ ރައްޓެހިންނާއެކީ ބޭރަށް ދާންވީމާ ދާންވީ. އެކަމަކު ޔޫން ބޭރަށް ގޮސްގެން ނުވޭ." ތަސްލީމާ ކިޔާދިނެވެ. ލައިލީއަށް އެ ވާހަކަތައް އިވުނީ އަލަށެވެ. މީހާ ހުންނަ ގޮތަކުން އަދި އެކުވެރިކަމެއް އޮތުމަކުން އެއްވެސް މީހެއްގެ ހަޤީޤީ ދިރިއުޅުމެއް ނޭނގޭނޭ ލައިލީ ހިތަށް އެރިއެވެ.
"އަހަރެން މިއަދު ނުކުމެލަންވެގެން ޔޫންއަށް ވެސް ގުޅިން. އޭނާ ބުނީ އިދާން މަންމަމެންގެއަށް މިއަދު ދާން ބުނެފައޭ އޮތީ. ވެދާނެ ބަނޑުބޮޑުކަން އަހަންނަށް އެނގުނީއޭ ހީވާތީ އަންނަން ނުކެރުނީ ކަމަށް." ލައިލީ ބުންޏެވެ.
"އާން!... އަހަރެމެންގެ ތެރޭ އެވާހަކަ ދެކެވިދާނެތީ އެ ނައީ. އިނދެގެން އުޅެނިކޮށް ބަނޑުބޮޑުވުވެދާނެ. އެއީކީ އެވަރުކަމެއްނޫން. ބަނޑުބޮޑުވިއްޔޭ ކިޔާފަ އެކަކުވެސް ޔޫންއަށް ބްލޭމެއް ނުކުރާނެ. އެކަމަކު ޔޫން އެވާހަކަ ދައްކާކަށް ބޭނުމެއްނުވޭ." ތަސްލީމާ ބުންޏެވެ.
"ޔޫން އެ އުޅެނީ ބިރުން. އެހެންވެ އޭނާއަށް އެއްޗެކޭ ނުބުނެވިގެން އެ އުޅެނީ." ނޫރީގެ ޚިޔާލު ފާޅުކުރިއެވެ.
"ޔޫން ވެސް ނުވާނެއެއްނު ނުބުނެ ހުންނާކަށް. ޕްރެގްކަން އެނގޭއިރަށް އެންމެ ފުރަތަމަ ވެސް އިދާން ކައިރީ ދޯ އެ ވާހަކަ ދައްކަންވާނީ. އިދާންއަކަށް ނޭނގޭ ޔޫން ހޮޑުލަނީ ކީއްވެކަމެއް. ޔޫން ވަރުބަލިވާތީ އުޅެނީ ކީއްވެކަމެއް." ތަސްލީމާ ބުންޏެވެ.
"ކޮންއިރަކު ޔޫން ޕްރެގްވީ." ހައިރާންކަމާއެކު ލައިލީއަށް އަހާލެވުނެވެ.
"ދެ މަސް ވެއްޖެ. އަހަންނަށް ޝައްކުވެގެން އެވާހަކަދެއްކިފަހުން އަހަންނާ ވެސް މިހާރު އެހާ ވާހަކައެއް ނުދައްކާ. އިދާނު ރުޅި އައިސްގެން އެއުޅެނީ އޭނާއަށް ވެސް އެނގުނީ އިހަށް ދުވަހުވީމަ. ދަރިއަކު ބޭނުންވެފައި ހުރިއްޔާ ޔޫން އެވާހަކަ އިދާންއާ ދައްކަންވާނެއެއްނު. މިހާރު ޔޫން ހާސްވެގެން އެއުޅެނީ. އިދާން ކުއްޖަކު ބޭނުން ބޭނުންނުވާއިރު އޭނާ ބަނޑުބޮޑުވީމާ. މިހާރު އޭނާ އޭނާގެ ވިސްނުން ހުރީ އެބޯޓްކޮށްލަން. އެކަމަކު އަދިވެސް އެއުޅެނީ ގޮތެއް ނިންމަން ނުކެރިގެން." ތަސްލީމާއަށް އެނގިފައި ހުރި ހުރިހާ ވާހަކައެއް ލައިލީއަށް ހާމަކުރިއެވެ.
"ދަރި ވައްޓާލަން ޔޫން ނިންމައިފިނަމަ އަހަރެމެން އެކަމާ ދެކޮޅު ހަދާފާނެތީ ކަންނޭނގެ ބަނޑުބޮޑުކަން ނުބުނަން އެ ހުންނަނީ. އެހެންވިޔަސް އިދާންއަށް ނޭނގި ދަރިވައްޓައެއް ނުލެވޭނެ. ކުރީކޮޅު އެކަން ކުރިއްޔާ ފަސޭހަވާނީ." ނޫރީ ބުންޏެވެ.
"ޔޫންއަށް އިދާން ކަމުނުދަނީތަ؟. އެ ދެމީހުން ވަކިވާން ބޭނުންވަނީތަ؟. އެހެންވެތަ ޔޫން އެބޯޝަންއަކަށް ދާން އެ ވިސްނީ." ލައިލީއަށް ޔޫންގެ ނިންމުން ނުވިސްނެއެވެ.
"ނޭނގެ. އަހަންނަށް ޔަގީންވަނީ ޔޫންގެ މަންމަމެން އެހާ ހިތްހަމައެއް ނުޖެހޭނެކަން އިދާން ކައިރިން އޭނާ ވަރިވެއްޖެއްޔާ. އެމީހުން ކުށްވެރިކުރާނީ ޔޫން." ތަސްލީމާ ބުންޏެވެ.
"އެކަމަކު ދެން ހާދަ ދެރައޭ." ލައިލީއަށް ބުނެވުނެވެ.
"އިދާން އަސްލު ލޯބިވޭ ޔޫންދެކެ. އެހާ ހިފަހައްޓައިގެން ޔޫން އެ ގެންގުޅެނީ އެހެންވެ. އޭނާ ޔޫން ދޫކޮށްލާކަށް ބޭނުމެއްނުވާނެ. އެކަމަކު އެއީ ވެސް ހައްލެއްނޫން." ނޫރީ ބުންޏެވެ.
"އާން. އެއީ ލޯބިވުމެއްނޫން. ކޮންމެވެސް ކަހަލަ މިނިވަންކަމެއް ޔޫންއަށް ވެސް ލިބެންވާނެ." ލައިލީ ބުންޏެވެ.
"ހުރިހާކަމަކަށްވުރެ އިސްވާނީ ތިމާގެ އަމިއްލަ ނަފްސު. އެކަމަކު މިހާރު އެހެނެއްނުވާނެ. ޔޫންއަކީ މިހާރު މަންމައެއް. ބަލިވެއިންކަން އެނގޭ ހިނދުން ފެށިގެން ކޮންމެ އަންހެނަކު މަންމައަކަށް ބަދަލުވާނެ. އެހެންވީމަ އެއީ އަޅާނުލާނުލާ ދޫކޮށްލައިގެންވާނޭ ކަމެއްނޫން." ދެ ކުދީންގެ މަންމައަށް ވެފައިވާ ނޫރީގެ ޚިޔާލު ބޭރުކޮށްލިއެވެ.
"ޔޫން ބޭނުންވާ ކަންކަން ހާސިލެއްނުވޭ. އެކަން އޭނާ ފާޅުނުކޮށް ހިތުގައި ފޮރުވާލައިގެން ހުއްޓަސް އެކަމުން އެލިބޭ ނުތަނަވަސްކަން ދުވަހެއްދުވަހަކަށް އިތުރުވުން ނޫންކަމެއްނުވޭ. އިދާނު ބުނާހާ ގޮތަކަށް ޔޫން ކަންތައްކުރާއިރު އިދާނަށް ނޭނގޭ އޭނާގެ އަންހެނުން ހަޤީޤަތުގައި ބޭނުންވަނީ ކޮންކަމެއްކަން. ޔޫން އެއްޗެކޭ ނުބުނެ މަޑުމަޑުން ހުންނާތީ ރުޅިއަންނަ ފަހަރު އިދާން ހުރިހާކަމެއް މިއަޅުވަނީ ޔޫންގެ ބޮލުގައި. ޔޫން ހައްލެއްކަމުގައި ދެކި އަމިއްލަ ނަފްސަށް ވިސްނައި އެދެނީ ދިރިއުޅުމުގައި ހުރިހާކަމެއް ފުރިހަމައެއްނުވާނޭ. އެހެންވެ އަހަރެމެންގެ ތެރޭގައި އޭނާ އެކަހަލަ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވަނީ." ތަސްލީމާ ބުންޏެވެ.
"ޔޫން އަހަރެމެންގެ އެހީއަކަށް އެދޭނަމަ. އެހާލުގައި އޭނާއާއެކު އަހަރެމެން ތިބިކަން ޔޫންއަށް ވިސްނޭނެނަމަ." ޔޫންގެ ހާލާމެދު ލައިލީ ހަމްދަރުދީ ވެވުނެވެ.
"ކައިވެންޏަށްފަހު ޖެހޭ މައްސަލަތައް ހައްލު ކުރެވޭނީ ދެމަފިރިން ދެމެދުގައި އެކަމާ ގުޅިގެން ވާހަކަދައްކައިގެން. ދެމީހުން ވެސް ބޭނުންވާ ގޮތް އެކަކުއަނެކަކަށް ބުނެދެވިގެން. ދުރުން މީހަކު އައިސް އެކަން ހައްލުކޮށްދޭނޭ ކަމަށް ހުންނާނީ މޮޔައެއް. ތިމާގެ ދިރިއުޅުން ތިމާއަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ. އަމިއްލަ ކައިވެންޏާއި ދިރިއުޅުން ސަލާމަތް ކުރެވޭނީ ޚުދު އެމީހަކު އަމިއްލައަށް. މީހެއްގެ ދިރިއުޅުމަށް ޚިޔާލެއްދޭކަށް އެހެންމީހަކަށް ނޭނގޭނެ." ނޫރީ ބުންޏެވެ.
ލައިލީއަށް ހީވީ ނޫރީގެ ވާހަކަތައް އޭނާއަށް ރައްދު ކޮށްފައި ދެއްކީ ހެންނެވެ. ނޫރީގެ ފިރިހެން ދަރިފުޅު ރޮއެގަތް އަޑު އިވުނީ އެވަގުތެވެ. ތަސްލީމާގެ ދަރިފުޅާއި ދެކުދީން ކުޅޭ އެއްޗެއްގެ ބޭނުމުގައި ތޮޅުނީއެވެ. ތަސްލީމާ ތެދުވެގެން ކުދީންގެ ކައިރިޔަށް ދިޔައެވެ. ކުދީންނާ ދިމާއަށް ބަލަން އިނދެ ލައިލާއާ ނޫރީ ވާހަކަދެއްކިއެވެ.
"ބައެއް ކަންކަން އެއީ ބޮޑުކަމެއްކަމުގައި ފިރިހެނުން ނުދެކޭނެ. މިސާލަކަށް ކައިވެނި ކޮށްގެން ހުރެ ބިޓެއް ނެގުން. ކޮންމެހެން އެކަހަލަ ކަމެއް ކުރަނީކީ އަނބިމީހާދެކެ ލޯބިނުވާތީއެއްނޫން. ބައެއް ފިރިހެނުން ފޫހިފިލުވާލަނީ. ގައިގާ އަތްނުލާ ދެވޭ އަނިޔާއަކީ އަނިޔާއަކަށް އެމީހުންނަށް ނުވެދާނެ. އެމީހުންނަށް އެކަންކަން އެހާ ބޮޑެތި ކަންކަން ކަމުގައި ނުވަނީ. އެއީ އެކަން ވާންޖެހޭނެ ގޮތް ނޫންކަން ރިއަލައިޒް ނުވަނީ... ލައިލީ. ފިރިމީހާގެ ފުށުން ގަޔާނުވާ ކަމެއް ފެނުމުން އެކަން ބަދަލުކުރާން ބޭނުންވާނަމަ. ފުރަތަމަ އޭނާއަށް ރިއަލައިޒްކޮށްދީ އޭނާ އެކުރަނީ ކޮށްގެންވާނޭކަމެއްނޫންކަން. އޭނާ އަމިއްލައަށް އެކަމާ ވިސްނާ ފިކުރުކުރާނޭ ފަދަ ކަމެއްކުރޭ. އަމިއްލައަށް ހެދޭ ގޯސްތައް ދެނެގަނެވުމުން އެކަން ރަނގަޅުކުރާން މަސައްކަތް ކުރާނެ." ނޫރީ ދިނީ ނަސޭހަތެކެވެ. ނަމަވެސް އެފަދައިން ކަންތައް ކުރާނީ ކިހިނެއްބާއޭ ލައިލީއަށް ހިތާއި ސުވާލުކޮށްލެވުނެވެ.
* * * * *
ޕްރޮޖެކްޓެއްގެ މަސައްކަތުގައި އޮފީހުން ބޭރުގައި އުޅުމަށްފަހު ކުންފުނީގެ ކާރުގައި ދަރަކްއާއި އަފްރާހު އައިސް އޮފީސް އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ކާރުން ދެ ޒުވާނުން ފައިބައިގެން އޮފީހަށް ވަންނަން އައެވެ.
"ދެން އޮންނަ މީޓިންގަ ޑީލް ފައިނަލް ކޮށްލެވޭނެހެން ހީވޭ." ކައިރީގަ އިން އަފްރާހަށް ދަރަކް ބުންޏެވެ.
"ނަސީބެއް މިއަދުގެ މީޓިން ދިގު ނުވިކަން. އެހެންނޫނީ ވެލަންޓައިންސް ޑޭއަށް އަހަރެން ކުރި ހުރިހާ ޕްލޭނެއް ޕްލޮޕްވާނެ." އަފްރާހު ބުނެލިއެވެ. ދަރަކްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
"ކައިވެންޏަށްފަހު ކޮންމެ ދުވަހަކީ ލޯބިވެރީންގެ ދުވަހެއްނޫންތަ." އަފްރާހުގެ ހަޤީޤަތް އެނގިހުރެ ދަރަކް ބުނެލިއެވެ. އެވާހަކައަށް އަފްރާހު ސަމާލުކަމެއް ނުދިނެވެ.
"މިފަހަރު ތައްޔާރުކުރީ އެކި ކަހަލަ ޗޮކުލެޓާއި ފިނިފެންމަލުގެ ބޮކޭއެއް. އޮފީހުން ކުއްޖަކު ދަރަކްއަށް އެއްޗެއް ގެނެސް ނުދޭތަ؟." އަފްރާހު ވާހަކަދެއްކިއެވެ.
"އަހަރެން މީހަކާ އިނދެގެންކަން އުޅެނީ ނޭނގޭ މީހަކު އޮފީހުގައި ނުހުންނާނެ. އެހެންނޫނަސް އެކަހަލަ ބޭކާރު ވިޔާނުދާކަމެއް ކުރާނެ މީހެއްނޫން މަށަކީ." ދަރަކް މިހެންބުނެ ލިފްޓަށް އަރަން ފިތައް އޮބާލިއެވެ. އޭނާގެ ފޯނަށް މެސެޖެއް އައީ އެވަގުތެވެ. ފަޓުލޫނު އަރިމަތީ ޖީބުން ދަރަކް ފޯނު ނެގިއެވެ. ލިފްޓު ހުޅުވުނު ހިނދު އެތެރެގައި ތިބި މީހުން ފެނި އެއްފަރާތަށް ޖެހިލަން ދަރަކް އުޅުނެވެ. އެވަގުތު އަފްރާހުގެ ކޮނޑުގައި ޖެހި ދަރަކްގެ އަތުން ފޯނު ވެއްޓުނެވެ.
"އެ ދިޔައީ އިސްކުރީނު. ޔަގީން." ފޯނު ނަގަން ގުދުވެލަމުން އަފްރާހު ބުނެލިއެވެ.
"އިޓްސް ވެލަންޓައިންސް ޑޭ. އަހަރެން މިއިނީ އޮފީސް ކައިރީ ހުރި ކެފޭގައި. ނިންމާފަ އަންނައްޗޭ." ދަރަކްގެ ފޯނު ނެގި ވަގުތު ދިއްލިފައިވާ އިސްކުރީނަށް އަރާފައި އޮތް އަފްރާހު ކިޔާލިއެވެ. ހިތުގެ އިމޯޖީތަކާއިއެކު އިނގިރޭސިން ލިޔެފައި އޮތް މެސެޖެކެވެ. އަފްރާހު ވަކި އެއްޗެއް ނުބުނެ ދަރަކްއަށް ފޯނު ދިއްކޮށްލީއެވެ. ނަމަވެސް ފޯނުގައި ހިފި ދަރަކްއަށް އެ މެސެޖު ފެނި މޫނަށް އަރާފޭބި ކުލަވަރު އަފްރާހަށް ވެސް ސިއްރެއްނުވިއެވެ.
"އަފްރާ ދޭ އޮފީހަށް. އަހަރެން އެބައަންނަން." ދަރަކް މިހެން ބުނެ ލިފްޓަށް ނުވަދެ އެނބުރުނީ އޮފީހުން ނުކުންނާށެވެ. އޭނާގެ ހަރަކާތްތައް ހުރީ އަވަސް އަރުވާލާފައެވެ. ލަސްވެގެން އުޅޭ މީހަކު ފަދައެވެ.
"ސީރިއަސްލީ..." އަފްރާހު ބުނެލިއެވެ. އަދި އެއްމިޔަކަނުން ހެވިފައި ދަރަކް ނުކުމެގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން އަފްރާހު ހުއްޓެވެ.
(ނުނިމޭ)