ދުނިޔެ

އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ޗެއާމަން، ނަދީމް ޒަހާވީ މަގާމުން ދުރުކޮށްފި

އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ޗެއާމަންކަމުން ނަދީމް ޒަހާވީ -- ޓެކްހަށް މަކަރުހައްދަވައި އޮޅުވާލެއްވިކަން ތަހުގީތަކަށް ސާބިތުވުމާ ގުޅިގެން -- މަގާމުން ވަކިކުރައްވައިފި އެވެ.

ނަދީމް ޒަހާވީ މަގާމުން ދުރުކުރެއްވީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކުގެ އަމުރަށެވެ.

ސުނަކް ވިދާޅުވި ގޮތުގައި ޒަހާމީ މަގާމުން ދުރުކުރެއްވީ ވަރަށް ރަނގަޅަށް މައްސަލަ ބެއްލެވުމަށް ފަހު އެވެ. ޒަހާވީއާ ގުޅުން ހުރި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައި އެންމެ ފުނަށް ވަޑައިގަތުމަށް މިނިވަން ތަހުތީގު ޓީމެއް އެކުލަވާލެއްވި ކަމަށް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވި އެވެ.

ރިޝީ ސުނަކް ވިދާޅުވި ގޮތުގައި ޒަހާވީ ވަނީ މިނިސްޓަރުގެ އަހުލާގީ މިންގަނޑާ ވަރަށް ބޮޑަށް ހިލާފުވެ ވަޑައިގެންފަ އެވެ.

އިނގިރޭސި ސަރުކާރުގައި ނަދީމް ޒަހާވީ އަދާކުރަވަމުން ގެންދަވާ ވަޒީފާއިން ވަކިކުރެއްވުމަށް އެންގެވީ ޒަހާވީގެ މުއާމަލާތްތަކުގައި ވަރަށް ބޮޑަށް ގޯސް ހައްދަވާފައިވާކަން ތަހުގީގަށް ސާބިތުކުރެވުމުން ކަމަށް ވެސް ރިޝީ ސުނަކް ވިދާޅުވި އެވެ.

ރިޝީ ސުނަކް ވިދާޅުވީ މިދިޔަ އަހަރު އޭނާ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތީ އޭނާ އިސްކޮށް ހުންނަވާ ސަރުކާރެއްގައި ހުރިހާ ފެންވަރެއްގައި ވެސް ނަޒާހަތްތެރިކަމާއި ޕްރޮފެޝަނަލިޒަމާއި ޒިންމާދާރުކަން އޮންނާނެ ކަމަށް ވިދާޅުވަމުން ކަމަށެވެ.

ޒަހާވީ މަގާމުން ދުރުކުރެއްވުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް ވަރަށް ބޮޑަށް ވަނީ ޕްރެޝަރު ކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ޗާންސެލަރުކަމުގައި އޭނަ ހުންނެވިއިރު އެތައް މިލިއަން ޕައުންޑުގެ މައްސަލައެއްގައި -- ނުދައްކާ ހުރި ޓެކްސްގެ ސަބަބުން -- ޖޫރިމަނާ ދައްކާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޒަހާވީ މަގާމުން ދުރުކުރެއްވީ އޭނާގެ ކިބާގައި ގާބިލުކަން ނެތުމަކުން ނޫނެވެ. ޒަހާވީ އަކީ އިނގިރޭސި ސަރުކާރަށް ވަރަށް މުހިންމު އަދި ޒިންމަދާރު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އިނގިރޭސި ސަރުކާރުގައި ޒަހާވީ އަދާކުރައްވާ މަސްއޫލިއްޔަތުތަކަކީ ބަޔަކަށް ނަމޫނާއަކަށް ވާން ޖެހޭ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާއާ ކިތަންމެ ގާތް ނަމަވެސް ލައްޖެހި ބޭފުޅުންނަށް އޭނާގެ ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ނަދީމް ޒަހާވީ، 55، އަކީ އީރާނަށް އުފަން އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އޭނާ ގޮވައިގެން އޭނާގެ މައިންބަފައިން އިނގިރޭސިވިލާތަށް ހިޖުރަކުރީ 1970 ގެ ފަހުކޮޅު އެވެ.

އިނގިރޭސިވިލާތުގައި ތައުލީމް ހާސިލުކުރައްވައި އިނގިރޭސި ސިޔާސީ ލީޑަރެއް ގޮތުގައި ވަރަށް ހަލުއި އަދި ހުޝިޔާރުކަމާ އެކު އޭނާ ވަނީ ކުރިއަރައި ސަރުކާރުގައި ފައިތިލަ ސާބިތުކުރައްވާފަ އެވެ.