ގދ. ތިނަދޫ އިންޖީނު ގޭގައި ރޭ ރޯވެ އަނދައި ހުލިވެފައިވާތީ އަލުން އެ ރަށަށް ކަރަންޓް ފޯރުކޮށްދޭން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ތިނަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގެ އަނދައި ހުލިވެ، 22 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
މި ހާދިސާއަށްފަހު ރައީސް އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނަނީ ތިނަދޫއަށް ކަރަންޓުދޭން ބޭނުންކުރަމުން ދިޔަ ހުރިހާ އިންޖީނެއް ހަލާކުވެ، އިންޖީނުގެވެސް ބޭނުންނުކުރެވޭ ވަރަށް އަނދައިގެންގޮސްފައި ވުމުން ކުރިން ހިދުމަތް ދެމުން ގެންދިޔަ ގޮތަށް ހިދުމަތްތައް ދިނުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި ފެނަކަ ކޯޕަރޭޝަނައި އެހެނިހެން ކުންފުނިންތަކުން ހުއްޓާނުލައި ކުރިޔަށް ގެންދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ތިނަދޫގެ ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން ދެއްވާ ކަމަށެވެ.
މި ހާދިސާ ތަހުގީގުކުރުމަށް މިހާތު ފެނަކައިން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އެ ބަޔާނުގައި ބުނަނީ މިފަދަ ކަންކަން ތަކުރާރުނުވާނޭ ފަދައިން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް އަރުވާ ކަމަށެވެ.
ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ތިނަދޫ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު މިހާރު ކުރާ މަސައްކަތުން ތިނަދޫގެ ގެތަކަށް ކަރަންޓު ފޯރުކޮށްދެވޭނީ ހަތަރު ދުވަސް ފަހުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އެރަށަށް ކަރަންޓް ދިނުމަށް ސްޓެލްކޯގައި ހުރި އެއް މެގަވޯޓްގެ ޖެނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ލ. ގާދޫ އާއި ގއ. ވިލިނގިލި އަދި މާމެންދޫ އިން ޖަނަރޭޓަރު ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ތިނަދޫގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.