މިހާރު ކަލާޒް ޗެނަލުން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް 16"ގެ އެންމެ އަރާރުންބޮޑު އެއް ބައިވެރިޔާ އަދި ޓީވީ ބަތަލާ ޓީނާ ދައްތާ ބިގް ބޮސްގެ ގެއިން ބޭރުކޮށްލައިފި އެވެ. މި ހަފުތާގައި ޓީނާ އާއެކު ނޮމިނޭޓްވެފައިވަނީ ޝާލިން ބަނޫތު، ޕްރިޔަންކާ ޗާހަރް އަދި ޝިވް ތާކަރޭ އެވެ. އެންމެ މަދު ވޯޓު ލިބިގެން ޓީނާ ޝޯ އިން ވަކިވާން ޖެހުނީ އެވެ.
ޓީވީ ޝޯ "އުތުރަން"ގައި އިއްޗާގެ ރޯލު ކުޅެގެން މަޝްހޫރުކަން ލިބުނު ޓީނާ ބިގް ބޮސްގެ ގެއަށް ވަނުމަށްފަހު ފުރަތަމަ ގުޅުން ބަދަހިކުރީ އޭރު އެ ގޭގައި ހުރި އެހެން ބައިވެރިޔެއް ކަމަށްވާ އަބްދު ރޯޒިކް އާ އެވެ. ފަހުން ޓީވީ އެކްޓަރު ޝާލިން ބަނޫތު އާ އެކު ރަނގަޅު ގުޅުމެއް އުފެއްދި އެވެ.
ބިގް ބޮސްގެ ގެއިން ނުކުމެފައި ޓީނާ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ގެއިން ނުކުމެވި އާއިލާ އާއި އެކުވެރިންނާ ބައްދަލުކުރަން ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވި އެވެ. ބިގް ބޮސްގެ ގޭގައި ދެމިހުރުމަކީ ގޮންޖެހުންބޮޑު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
"ބިގް ބޮސްގެ ގެއިން ދަސްވި ކަންތައްތަކުގެ އިތުރުން މުޅި ހަޔާތުގައި މިއަށް ވުރެ ރަނގަޅު ފިލާވަޅެއް ދަސްވާނެ އެހެން ތަޖުރިބާއެއް ދެން އިތުރަށް ކުރެވޭނެހެނެއް ހިޔެއް ނުވޭ،" ޓީނާގެ ބަޔާނުގައި ވެއެވެ.
މި ދަތުރުގައި އޭނާއަށް އެހީތެރިވެދިން ހުރިހާ ފަރާތަކަށް ޓީނާ ޝުކުރު އަދާކުރި އެވެ. އަދި މިފަހަރުގެ ސީޒަން ޕްރިޔަންކާ ޗާހަރް ޗައުދަރީ ކާމިޔާބުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ޓީނާ ބުންޏެވެ.
އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޓީނާ ބުނީ އޭނާ ކުޅެން ބޭނުންވި ގޭމް ބިގް ބޮސްގެ ގޭގައި އެއްގޮތަކަށް ވެސް ކުޅެވޭގޮތް ނުވި ކަމަށެވެ. އަދި އޭނާ އާ މެދު ބިގް ބޮސް ބަލާ މީހުން ދެކެނީ ކިހިނެއްކަން އޭނާއަށް އެނގުނީ ޝޯ އިން ބޭރުވުމަށް ފަހުގައި ކަމަށް ޓީނާ ބުންޏެވެ.
"އަހަންނަށް އެއްގޮތަކަށް ވެސް އަހަރެން ބޭނުންވާ ގޮތަށް ގޭމް ކުޅޭނެ ފުރުސަތެއް ނުލިބުނު. ޝާލިން އާއި އަހަރެންގެ ގުޅުމާ ބެހޭ ގޮތުން ދެކެވެމުންދިޔަ ވާހަކަތަކުގެ ސަބަބުން އަހަރެންނަށް ނަފްސާނީގޮތުން ވަރަށް އުނދަގޫތައް ކުރިމަތިވި. އަހަރެންނަށް ޕްރިޔަންކާ އާއެކު ރަނގަޅު ގުޅުމެއް ގާއިމް ކުރެވުނީ ވެސް ވަރަށް ފަހުން. ޝޯގެ ހޯސްޓް ފަރާ ޚާން އަހަރެން ކައިރީގައި ބުނި އަހަންނާއި ޕްރިޔަންކާ އާ ދެމީހުން ދެކެއޭ ޝޯ ބަލާ މީހުން އެންމެ ފޫހިވަނީ. އެކަމާ ވެސް އަހަރެންނަށް ވަރަށް އަސަރުކުރި،" ޓީނާ ކިޔައިދިނެވެ.