އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރިޔާސީ ޓިކެޓް ރައީސަށް އެރުވުން އަންނަ މަހު

Jan 30, 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕާޓީގެ ރިޔާސީ ޓިކެޓު އަންނަ މަހު އަރުވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ފަސް ދުވަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ. ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އެރުވުން އޮންނާނީ އަންނަ މަހު ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް ސޯލިހް އެވެ.

ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަށް ވުރެ ފަސޭހައިން އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.