ރައީސް މުހައްމަދު ނަޝީދު

ނަޝީދު ބަލި ގަބޫލުކުރައްވައިފި

Jan 30, 2023
1

އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިިޔާބު ހޯއްދަވާފައިވާ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވައިފި އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރައިމަރީގައި ގިނަ މީހުން ވޯޓުލީ ރައީސް ސޯލިހަށް ކަމަށެވެ.

"ވޯޓާސް ލިސްޓަށް ބަލައިފި ނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހް މޮޅުވެދާނެ ކަމަށް" ލަފާ ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށް ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހެދުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. އަދި ޕާޓީން ކަނޑާލި ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ 39،000 އަށްވުރެ ގިނަ މީހުން އަލުން ޕާޓީއާ ގުޅި އެ މީހުންނާއެކު ފެންނަ ގޮތް ނިންމުމަށް ހުށަހެޅުއްވި އެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް ސޯލިހް އެވެ.

ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަށް ވުރެ ފަސޭހައިން އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.