މަރު

ބޮއެ އަޅަން މޫދުގައި އުޅުނު ޒުވާނަކު މަރުވެއްޖެ

Jan 30, 2023
1

މޫދުގައި ބޮއެ އަޅަން އުޅުނު ޒުވާން ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ރ. އިނގުރައިދޫ، ނިޝާހު އަބްދުލް ޣަފޫރު (18 އ) އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޝާހު މަރުވެފައިވަނީ އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން މޫދަށް ފައިބައި އުޅުމުގެ ތެރޭގައި ހާލު ދެރަވެގެންނެވެ.

މާފުށިވަރު ރިސޯޓުގެ ޑައިވިން ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ނިޝާހު ފަރުވާ ދިނުމަށް ގެންދިޔައީ އދ. މަހިބަދޫ ހޮސްޕިޓަލް އަށެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މޫދުން ނަގައިގެން މިއަދު ހަވީރު 5:30 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ޒުވާނާ އަށް ސީޕީއާރް ދީގެން ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރު މަސައްކަތް ކުރި ކަމަށެވެ.

ޑައިވިން ކޯސް ހަދާފައިވާ ނިޝާހް އަކީ ނޮވެމްބަރު 18، 2018ގައި މޫދުގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި އޮތް ކުއްޖަކު ސަލާމަތް ކުރި ޒުވާނެކެވެ. ނިޝާހްގެ އެ ހިތްވަރު ފާހަގަކުރައްވާ ނޮވެމްބަރު 10، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިޝާހުއަށް ހާއްސަ އިނާމުވެސް ދެއްވާފަ އެވެ.