އެމްޑީޕީ

އެމްޑީޕީގެ އަސާސީ ގަވައިދަށް އަމަލުކުރަން ހަނދާންކޮށްދީފި

Jan 30, 2023
1

ޕްރައިމަރީތަކުގައި ހޮވޭ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުުރުމަކީ ޕާާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިބްރާހީމް ވަހީދު އެ ޕާޓީގެ މެންބަރުންނަށް ހަނދާންކޮށްދެއްވައިފި އެވެ.

އިބްރާހީމް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 ވަނަ މާއްދާގައި އޮތް އެއްޗެއް މެންބަރުންގެ މައުލޫމާތަށްޓަކައި އާންމުކުރައްވާފަ އެވެ. އެއީ ޕާޓީގެ މެންބަރުންގެ މަސްއޫލިއްޔަތު ބަޔާންކުރާ މާއްދާ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި ވޯޓު ހޯދައިދިނުމަށް މަސައްކަތް ކުރުމާއި ވޯޓު ދިނުން ހިމެނެ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު މެންބަރުންނަށް ހަނދާންކޮށްދީފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބަށްފަހު ބަލި ގަބޫލުކުރެއްވި ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވުމަށް ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

ނަޝީދު ވަނީ ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ޝަރުތެއް ކުރައްވާފަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ކުރިއަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވުމެވެ. ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސް ސޯލިހް ދެކޮޅު ހައްދަވާނަމަ ނަޝީދުގެ ވިސްނުންފުޅަކީ އާ ސިޔާސި ހަރަކާތެއް އުފެއްދެވުމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 24،572 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ15،631 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 އިންސައްތަ އެވެ.