ރައީސް މުހައްމަދު ނަޝީދު

"ފިކުރެއްގެ ދިރުން" ކުރިއަށް ގެންދާނީ އެމްޑީޕީގައި ހުރެގެން: ނަޝީދު

Jan 30, 2023
4

އެމްޑީޕީން ވަކިވެވަޑައިނުގަންނަވާނެ ކަމަށާއި ނަމަވެސް "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް އެމްޑީޕީގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބަށްފަހު ފުރަތަމަ ފަހަރަށް މިއަދު ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ ރައީސް ނަޝީދު ފުރަތަމަވެސް ޔަގީންކަން ދެއްވީ އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަމެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގެވި ނަމަވެސް އެކަމުގެ ސަބަބުން ޕާޓީ ރޫޅިގެން ނުދާނެ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ދޭހަވާ ގޮތަށް މިބައްދަލުކުރެއްވުމުގައިވެސް ރައީސް ނަޝީދު ވަނީ ވާހަކަދައްވާފަ އެވެ. އަދި އެމަނިކުފާނުގެ ޓީމުން ތާއީދު ކުރާނެ ރިޔާސީ ކެންޑިޑޭޓުގެ ނަން ފަހުން ހާމަކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަ ޕާޓީއަކީ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ރޫޅޭނެ ޕާޓީއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތައް ހަދައި ވަކި ސިޔާސީ ހަރަކާތެެއް ކުރިއަށް ގެންދަން ނަޝީދު ނިންމެވި ނަމަވެސް އެއީ ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ނަޝީދަށް ހަނދާންކޮށްދެއްވާފަ އެެވެ. އެކަމަށް ރައްދު ދެއްވާ ނަޝީދު މިއަދު ވިދާޅުވީ އެެ މަސައްކަތް ނުހުއްޓާނެ ކަމަށެވެ. އަދި ފިކުރެއްގެ ގޮފިތަކަށް ޖުމްލަ 50،000 މެންބަރުން ހޯއްދަވައިދެއްވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

"ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 24،572 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ15،631 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 އިންސައްތަ އެވެ.