ފިނިޕޭޖް

މާކް އެންތަނީ ނާޑިއާ ފެރޭރާ އާ ކައިވެނިކޮށްފި

ލެޓިން ލަވަކިޔުންތެރިޔާ އަދި އެކްޓަރު މާކް އެންތަނީ އޭނާގެ ލޯބިވެރިޔާ ކުރީގެ މިސް ޔުނިވާސް ޕެރެގުއޭ ކޮންޓެސްޓަންޓް ނާޑިއާ ފެރޭރާއާ ކައިވެނިކޮށްފި އެވެ.

މި ދެ ލޯބިވެރިން ކައިވެނިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ފްލޮރިޑާގެ މަޔާމީގެ ޕެރެޒް އާޓް މިއުޒިއަމްގަ އެވެ.

އުމުރުން 54 އަހަރުގެ މާކް އަދި 23 އަހަރުގެ ނާޑިއާގެ ކައިވެނީގެ ހަފްލާގައި އާއިލާގެ މެންބަރުންގެ އިތުރުން ޑޭވިޑް ބެކަމް އާއި އަންހެނުން ވިކްޓޯރިއާ ބެކަމް، ސަލްމާ ހަޔެކް، ލިން މެނުއަލް މިރަންޑާ، ލުއިސް ފޮންސީ، ކާލޮސް ސްލިމް، ރޯމިއޯ ސެންޓޯސް، މަލޫމާ، މާކޯ އެންޓޯނިއޯ ސޯލިސް ފަދަ ތަރިން ބައިވެރިވި އެވެ.

ނާޑިއާގެ ކައިވެނީގައި ލާފައިވަނީ ގާލިއާ ލަހަވް ޑިޒައިންކޮށްފައިވާ ހުދުކުލައިގެ ލޭސް ޑިޓޭލް ހުރި ދިގު ހެދުމެކެވެ. އަދި މާކް ލާފައިވަނީ ކްރިސްޓިއަން ޑިއޯގެ ސޫޓެކެވެ.

މި ދެމަފިރިން ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް އިންސްތަގްރާމްގައި އިއުލާންކުރީ ފެބްރުވަރީ 2022 ގައެވެ. އަދި މިދިޔަ މެއި މަހު އެންގޭޖްވީ ކަމަށް އިއުލާންކުރި އެވެ.

މިއީ މާކްގެ ހަތަރުވަނަ ކައިވެންޏެވެ. މާކްގެ ފުރަތަމަ ކައިވެނިކުރީ ކުރީގެ މިސް ޔުނިވާސް ޑަޔާނާ ޓޮރެސްއާ އެވެ. އޭގެ ފަހުން ލަވަ ކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްއާ ވެސް ކައިވެނި ކުރި އެވެ. އަދި ތިންވަނަ ކައިވެނިކުރީ މޮޑެލް ޝެނަލް ޑި ލީމާއާ އެވެ. މާކްގެ ކުރީގެ ލޯބިވެރިޔާ އަށާއި ފުރަތަމަ ދެ ކައިވެންޏަށް ހަ ދަރިން ލިބިފައިވެ އެވެ. މިއީ ނާޑިއާގެ ފުރަތަމަ ކައިވެންޏެވެ.