ޖުމްހޫރީ ޕާޓީ

ޖޭޕީގެ ކޮންގްރެސް އަންނަ މަހު މާލޭގައި

Jan 30, 2023

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި ބޭއްވުމަށް ނިންމައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ކޮންގްރެސް އޮންނާނީ މާލޭގައި ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އަލީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޕާޓީގެ އާ ކައުންސިލަށް މެންބަރުން ހޮވުމަކީ ކުރިއަށް އޮތް ކޮންގްރެސްގައި ކުރާނެ މައިގަނޑު މަސައްކަތް ކަމަށެވެ.

ކޮންގްރެސްގައި ހޮވާ އާ ކައުންސިލްގެ ފުރަތަމަ ޒިންމާ އަކަށް ވާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ޕާޓީން ނިންމާ ގޮތްތަކެއް ނިންމުން ކަމުގައިވެސް އަލީ ވިދާޅުވި އެވެ.

"އަލަށް ހޮވޭ ކައުންސިލުން ނިންމާނީ އިންތިހާބުގައި ވާދަކުރުމަށްވެސް ނުކުރުމަށްވެސް. އަދި އެހެން ބަޔަކާ ގުޅޭ ނަމަވެސް ނުގުޅޭ ނަމަވެސް އެކަންވެސް ނިންމާނީ އާ ކައުންސިލުން،" އަލީ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު މިހާރު އޮންނަ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. މިވަގުތު އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރަހީމް އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމް ވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު ގާސިމަށް ހުކުމެއް އިއްވާފައިވާތީ އެ އަހަރު ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަނުކޮށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދީ އެވެ.