ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ މިދިޔަ އަހަރުގެ ފައިދާ 1.5 ބިލިއަން ރުފިޔާ

Jan 30, 2023

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު އާމްދަނީން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ އެ ބޭންކްގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ފަހު ކުއާޓަރުގައި ލިބުނި 212 މިލިއަން ރުފިޔާ އެވެ. އަދި ފަހު ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 489 މިލިއަން ރުފިޔާ ލިބުނެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބުނީ ހުރިހާ ދާއިރާއަކުންވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓިގެން ކަމަށެވެ.

ބޭންކުގެ އެސެޓަށް މިދިޔަ އަހަރު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ ވެސް މިދިޔަ އަހަރު އިތުރުވި އެވެ.

މިދިޔަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯނު ބީއެމްއެލް އިން ދޫކޮށްފައިވެ އެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފަހައްޓާފަ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތަކާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހާސިލްކުރެވިފައިވާ ހަރުދަނާ ނަތީޖާއަށްފަހު މިހިނގާ އަހަރު ބީއެމްއެލްގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

"2022 ވަނަ އަހަރަކީ ބޭންކަށް ވަރަށްވެސް ހާއްސަ އަހަރެއް. އެއީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރި އަހަރު. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމްލަ 12 ހަރަކާތެއް މިވަނީ ހިންގާފައި. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ." ކާލް ފާހަގަކުރެއްވި އެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގަ ތެރޭގައި 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސާވިސް ބޭންކިން ސެންޓަރު، 142 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނެ އެވެ.

ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތަކަށް ބޮޑު އިސްކަމެއް ދީފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.