އޮޑިޓާ ޖެނެރަލް އޮފީސް

އެމްއެމްޕީއާރްސީގެ އޮޑިޓަށް ފުލުހާއި އޭސީސީގެ ލަފާ ހޯދައި ރިޕޯޓް ނެރެން ތައްޔާރުވެފައި

Jan 26, 2016

ޓޫރިޒަމް ޕްރޮމޯޓް ކުރަން އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައިގެ އޮޑިޓް ރިޕޯޓަށް އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ފުލުހުންގެ ބަސް މިހާރު ލިބިފައިވާ ކަމަށާއި ރިޕޯޓް އާންމު ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ކަންކަން ކުރަމުން އަންނަ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

މި ހާއްސަ އޮޑިޓްގެ ހުރިހާ ކަމެއް ބައްލަވާ އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން މިއަދު ވިދާޅުވީ، އޭސީސީ އާއި ފުލުހުންގެ ފަރާތުން ރިޕޯޓް ބެލުމަށް ފަހު އެ ފަރާތްތަކުގެ ލަފާ ދީފައިވާ ކަމަަށެވެ. އަދި ރިޕޯޓް ހާމަކުރުމުން އެ ފަރާތްތަކުގެ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް އެފަރާތްތައް ނުދެކޭތީ އެ ރިޕޯޓް އާންމު ކުރަން ނިންމައި އެންމެ ފަހުގެ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށް ވެސް އައިމަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރިޕޯޓް ނެރެން ޕްރޫފް ރީޑް ކުރުމާއި އިމްލާ ކުށްތައް ފަދަ ކަންކަން ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މި މަސް ނިމުމުގެ ކުރިން ރިޕޯޓް ނެރުން. އެ އަމާޒަށް މަސައްކަތް ކުރަމުން މި އަންނަނީ،" އައިމަން ވިދާޅުވި އެވެ.

އައިމަން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓްގައި ހިމަނާފައިވަނީ، އެމްއެމްޕީއާރްސީ ހިންގުމުގައި ފާހަގަވެފައިވާ މައްސަލަތަކާއި އެމްއެމްޕީއާރްސީއިން ހިންގާފައިވާ މުއާމަލާތްތަކުގައި ފާހަގަވެފައިހުރި ކަންތައްތައް ކަމަށެވެ. މީގެއިތުރުން ހުރިހާ އޭރިއާތަކަކަށް ވެސް ބަލައި ފާހަގިވި ކަންތައްތައް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށާއި އޮޑިޓް ރިޕޯޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ލިބުން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރު ކުރީ އެ ކުންފުނިން ބައެއް ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާއާބެހޭ ގޮތުން ފުުލުހުން ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބު ނުދީގެންނެވެ. ޒިޔަތުގެ މައްޗަށް މިހާރު ވަނީ، ކޮރަޕްޝަން އެކުލެވޭ ގޮތަށް ރަށްތައް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ ދައުވާ އުފުލާފައެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ވެސް ވަނީ އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކެއްގެ މައްސަލައިގެ ދައުވާކޮށްފައެވެ. އަދި އިތުރު ރަށްތަކެއްގެ މައްސަލައިގައި ދައުވާކުރަން ވެސް ފޮނުވާފަ އެވެ. އެމްއެމްޕީއާރުސީ އިން ރަށްތައް ދޫކޮށްގެން ދައުލަތަށް ފައިސާ ނުދީ އަމިއްލަ އެކައުންޓްތަކަކަށް ބިލިއަނަކާ ގާތް ކުރާ އަދަދަށް ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އަކީ ކުންފުނީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ ބޭބެއަށް ވާތީ އެ އޮޑިޓް ކުރުމުގައި އޮޑިޓާ ޖެނެރަލް އެއްވެސް ވަރަކަށް ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.