ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުން 120 މިލިއަން ޔޫރޯ -- ދެ ބިލިއަން ރުފިޔާއަށް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފި އެވެ.
ބޮސްކާލިސް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ގާތްގަނޑަކަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ އެވެ.
މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ބޮޑުމިން ބޮސްކާލިސް އިން ހާމައެއް ނުކުރެ އެވެ. ނަމަވެސް ހިއްކާ ބިން ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖަހާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ
ގުޅީފަޅުގެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މީގެ ކުރިން ވަނީ 198 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.
ގުޅިފަޅު ބަނދަރު މަސައްކަތައް ފަށަން ބިން ހިއްކަން ބިޑަށް ނުލައި 53 މިލިއަން ޑޮލަރު -- 817 މިލިއަން ރުފިޔާއަށް ބޮސްކާލިސް ކުންފުންޏަށް ސަރުކާރުން ދިނީ 2019ވަނަ އަހަރު އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ކ. ގުޅިފަޅާއި ގުޅުންހުރި މުހިންމު ދެ މަޝްރޫއަކަށް 959 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ގުޅިފަޅުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއަށް ކަނޑައަޅާފައިވާ 308.1 މިލިއަން ރުފިޔާ އާއި ގުޅިފަޅުގެ ބިން ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 651 މިލިއަން ރުފިޔާ އެވެ.