ހަބަރު

ސަމާލުވޭ! ރާއްޖޭގައި ބޭރަށް ހިންގުން އިތުރުވެއްޖެ

މިދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޑެކްޝަން އެޖެންސީއިން ބުނެފިއެވެ. އާންމު ގޮތެއްގައި ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބައްޔެއްކަމުން ސާފުތާހިރުކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް މި ދުވަސްވަރު ދިނުމަށް އެޗްޕީއޭއިން ބުނެއެވެ.

އެ އެޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި މި ދުވަސްވަރު ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބޯންބޭނުންކުރާ ފެން ކްލޮރިނޭޓު ކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުމާއި ވާރޭފެން ނަގާނަމަ ފުރާޅު ރަނގަޅަށް ސާފު ކުރުމަށްފަހު ފެންނެގުމާއި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި އަދި ރޯކޮށްކެވޭ ކާނާ ވެސް ރަނގަޅަށް ދޮވެގެން ބޭނުން ކުރުން ހިމެނެއެވެ.

މީގެއިތުރުން ކެއުމުގެ ކުރީން، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަދި ހާއްސަކޮށް ފާހާނާ ކުރުމަށްފަހު ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުމަށާއި ކުޑަކުދީންގެ ނެޕީ ބަދަލްކުރުމަށްފަހުގައިވެސް ހާއްސަކޮށް އަތްދޮވުމާ، އަދި ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރި ގޮތުގައި ނައްތާލުމަށާއި ކާބޯތަކެތީގައި މެހި ނުޖައްސާނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުމަށާއި ރަށުތެރޭގައާއި ގޯތިތެރޭގައި ކުނިޖަމާވިޔަނުދީ ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުން އަދި ކުނިވާޒާތުގެ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށް އިލްތިމާސްކޮށްފައިވެއެވެ.

ބޭރަށްހިންގުން ޖެހިއްޖެނަމަ:

  • ހޮޑުލެވޭނަމަ ގިނަގިނައިން ދިޔާތަކެތި ބޭނުންކުރެއްވުން(ދިޔާތަކެތީގެ ގޮތުގައި ފެން، އޯ.އާރު. އެސް ނުވަތަ ސޫޕް ފަދަ އެއްޗެއް)
  • ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫސް، ކޯލާ ފަދަ ބުއިންތައް ބޭނުން ނުކުރުން
  • ތުއްތުކުދިންނަށް އަވަސް އަވަހަށް ގާތުން ކިރުދިނުން.
  • ކާތަކެތި ކެވޭނަމަ އެތިއެތިކޮޅުން އަވަސް އަވަހަށް ކެއުން. އެހެންނަމަވެސް ތެޔޮ، ކުޅި، އަދި ހަވާދުލީ ކާތަކެތި ބޭނުންނުކުރުން
  • ބޭރަށް ހިންގުން ޖެހިފައިވާނަމަ، ކާބޯތަކެތި ތައްޔާރު ނުކުރުން

މި އަލާމާތްތައް ފެންނަނަމަ ޑޮކްޓަރުގެ ލަފާ ހޯދާ:

  • އާދަޔާ ހިލާފަށް ކަރުހިއްކުން
  • ބޮލަށް އެނބުރުން އެރުން
  • މާބޮޑަށް ވަރުދެރަވާގޮތްވުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން
  • ހޮޑުލެވި ބޮޑުކަމުދެވޭއިރު ލޭގެ އަސަރު ހުރުން އަދި ދިޔާތަކެތި ބޭނުން ކުރެވޭގޮތް ނުވުން
  • އާދަޔާ ހިލާފަށް ބަނޑުގައިރިއްސުން