ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ބޯޑަށް އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މާޗް އެއްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ބީއެމްއެލް ހެޑް އޮފީހުގެ ހަވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.

ބޯޑަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އޭގެ އިތުރުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ "ފިޓް އެންޑް ޕްރޮޕާ ރިކުއާމެންޓް" ގައި ބުނާ ޝަރުތުތަކާއި ބޭންކްގެ ހިންގާ ގަވާއިދުގައި ބުނާ ޑިރެކްޓަރުންގެ ޝަރުތުތައް ހުންނަން ޖެހެ އެވެ.

ބީއެމްއެލްގެ ބޯޑް އޮފް ޑިރެކްޓާސް

  • ޔޫޝައު ސައީދު - ޗެއާޕާސަން
  • ކާލް ސްޓުމްކަ - ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު
  • އައިޝަތު ނޫރައްދީން - ޑެޕިއުޓީ ސީއީއޯ
  • ޖުވައިރިޔާ ސައީދު - ޑިރެކްޓަރު
  • އަބްދުﷲ ހަސަން - ޑިރެކްޓަރު
  • އަބްދުﷲ ހުސާމް ޝަރީފް - ޑިރެކްޓަރު
  • މުހައްމަދު ޝަރާހް - ޑިރެކްޓަރު
  • އައިޝަތު ސަޖްނީ - ޑިރެކްޓަރު
  • އިބްރާހީމް މުހައްމަދު - ޑިރެކްޓަރު
  • އަހުމަދު މުހައްމަދު - ޑިރެކްޓަރު
  • އަބްދުﷲ ނަސީމް - ޑިރެކްޓަރު

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު އާމްދަނީން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ބޭންކުގެ އެސެޓަށް މިދިޔަ އަހަރު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ ވެސް މިދިޔަ އަހަރު އިތުރުވި އެވެ.