މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ބޭނުންވާ 200 އަށް ވުރެ ގިނަ އޮފިސަރުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފި އެވެ.
އީސީ އިން ވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން 203 އޮފިސަރުން ހޯދަން އިއުލާންކޮށްފަ އެވެ. އަދި އޮފިސަރުންގެ އިތުރުން އެހެން ބައެއް މަގާމުތަކަށް ކުރިމަތިލުމަށްވެސް އެ ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
އިންތިހާބުގެ އޮފިސަރަކަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު ސެކެންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
- ނުވަތަ އޮފިސަރ ލެވެލް މަގާމެއް ނުވަތަ އެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގެ އެއަށްވުރެއް މަތީ މަގާމެއްގައި މަސައްކަތްކޮށް އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ނުވަތަ ވޭތުވެދިޔަ އިންތިހާބެއްގައި، މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
- ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތުކުރަން އެނގުން.
- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
- ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކު ކަމުގައި ނުވުން.
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.
ރިޔާސީ އިންތިހާބުގެ އޮފިސަރެއްގެ ވަޒީފާ އަދާކުރަންޖެހޭނީ އިންތިހާބުގެ ނިޔަލަށެވެ. މި ވަޒީފާއަށް ކަނޑައަޅާފައިވާ އަސާސީ މުސާރަ އަކީ މަހަކު 4،465 ރުފިޔާ އެވެ. ސާވިސް އެލެވެންސްގެ ގޮތުގައި މަހަކު 1،500 ރުފިޔާ އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155 ރުފިޔާ ލިބޭނެއެވެ.
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އެވެ.
އޮފިސަރުންގެ އިތުރުން އީސީ އިން ވަނީ ސީނިއާ ލީގަލް އޮފިސަރަކާއި، ސޮފްޓްވެއާ ޑިވެލޮޕަރަކާއި، 39 ސީނިއާ އޮފިސަރުން، ސީނިއާ މީޑިއާ އޮފިސަރެއް، ތިން ގެރެފިކްސް ޑިޒައިނަރުން، އަށް މެނޭޖަރުން އަދި ހަ މަސައްކަތު މީހުންގެ އިތުރުން ތިން ޓެކްސް އޮފިސަރުންނާއި ދެ އެސިސްޓެންޓް މާސްޓާ ޓްރެއިނަރުން ހޯދުމަށް ވެސް އިއުލާނުކޮށްފަ އެވެ.
ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އަދި އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ އަދަދު 120 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.