ތިމާވެށި

26 ރަށެއްގައި ސޯލާ ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާޕީވީ -- ބެޓެރީ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 6.35 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފެއްދޭނެ ގޮތް ގާއިމުވެގެންދާނެ އެވެ. މިއާއެކު 7.66 މެގަވޮޓު އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖު ޤާއިމުކުރެވޭނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓްގެ ސަބަބުން އަހަރަކު 2.9 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ އެވެ.

"ފައިސާގެ އަދަދުން ދަންނަވާނަމަ އަހަރަކު 47 މިލިއަން ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ." ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ޔަޤީންކަން އިތުރުކުރުމަކީ ރާއްޖެ ފަދަ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް މުހިންމު އަދި ކޮންމެހެން ކުރަން ޖެހިފައިވާ ބޮޑު މަސައްކަތެކެވެ.

ރާއްޖެ 2023ގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އެކި ހިސާބުތަކުގައި ޖުމްލަ 36 މެގަވޮޓުގެ ސޯލާ ޕީވީ ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރުވެސް 19 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުން، އަދި އިތުރު 53 މެގަވޮޓުގެ ސޯލާ ޕީވީ ގާއިމުކުރުމުގެ މަސައްކަތް ބީލަމުގެ އެކިމަރުހަލާގައި ދަނީ ކުރެވެމުން." ޝައުނާ ވިދާޅުވި އެވެ.