ފިނިޕޭޖް

ޖޯނަސް ބްރަދާސްއަށް "ހޮލީވުޑް ވޯކް އޮފް ފޭމް"ގެ ތަރި

ޖޯނަސް ބްރަދާސްއަށް "ހޮލީވުޑް ވޯކް އޮފް ފޭމް" އިން ތަރިއެއް ލިބިއްޖެ އެވެ.

ޖޯނަސް ބްރަދާސްއަށް "ހޮލީވުޑް ވޯކް އޮފް ފޭމް" އިން ތަރި ދިނުމުގެ ހަފުލާ އޮތީ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.

މި ހަފުލާގައި ވާހަކަ ދައްކަމުން ޖޯނަސް ބްރަދާސްގެ ޖޯ، ނިކް އަދި ކެވިން ވެސް ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އާއިލާގެ މުހިންމު ކަމަށް އަލިއަޅުވާލަމުން ބުނީ އެމީހުންގެ އަނބިންނާއި ދަރިން ދެކެ ލޯބިވާ ކަމަށާއި އެއީ ވަރަށް މުހިންމު ބައެއް ކަމަށެވެ.

ޖޯނަސް ބްރަދާސްގެ ތަރި ބެހެއްޓިފައިވަނީ އެލްވިސް ޕްރެސްލީ އާއި ދަ ބީޓްލްސްގެ ތަރި ކައިރީގަ އެވެ.

މި ހަފުލާގައި ނިކް އާއި އަންހެނުން ހޮލީވުޑް އަދި ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ އެދެމަފިރިންގެ ދަރިފުޅު މާލްތީ މާރީ އާންމުންނަށް ދައްކާލާފަ އެވެ. މީގެ ކުރިން މާލްތީ މާރީގެ ފޮޓޯތަކުގައިވެސް މޫނު ފޮރުވާފައި ހުރުމުން އެއީ ވަރަށް ގިނަ މީހުން ފެނުމަށް އިންތިޒާރު ކުރި މައުސޫމް މޫނެކެވެ.

ޖޯނަސް ބްރަދާސްއަކީ 2005ގައި އުފެދުނު ރޮކް ބޭންޑެކެވެ. މި ބޭންޑު އަލްބަމް ނެރުމުގެ އިތުރުން، ޑިޒްނީ ޗެނަލްގައި ސީރީޒް އަދި ޓީވީ ފިލްމުން ވަނީ މަގްބޫލުކަން ހޯދާފައެވެ. އަދި ފަހުން ރިއަލިޓީ ޓީވީ ޝޯތައްވެސް ކުޅެފައިވެ އެވެ. މި ބޭންޑުން މިހާތަނަށް ފަސް އަލްބަމް ނެރެފައިވެ އެވެ.

ސޯލޯ ކެރިއާ ފެށުމަށް ވަކިވީ ނަމަވެސް، މި ބޭންޑް އަލުން ގުޅިގެން "ދި އަލްބަމް" ގެ ނަމުގައި ހަވަނަ އަލްބަމް ނެރެން ގަސްތުކުރާ ކަމަށް މި ހަފުލާގައި ނިކް އިއުލާންކުރިއެވެ.