އޭސީސީ

ކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި ޕީސީބީ އެއްބަސްވުމަކަށް

Jan 31, 2023
2

ކޮރަޕްޝަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި، އެ މަގުސަދު ހާސިލްކުރުމަށް މަސައްކަތްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސީސީގައި އޮތް ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ބޯޑުގެ ރައީސް އާސިމް މުހައްމަދު އެވެ.

އޭސީސީއާ ޕްރައިވެޓައިޒޭޝަން ބޯޑަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތަށް ކަނޑައެޅުމަށާއި، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މިއެއްބަސްވުމުގައި ހިމަނާފައިވެ އެވެ.

އެގޮތުން ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތަކުގެ ބޭނުމަށް ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމުގައި މި އެއްބަސްވުމުގެ ދަށުން އެހީތެރިވެދީ އެފަދަ މައުލޫމާތުތަކަށް ފަސޭހައިން ވާސިލްވުމަށްޓަކައި ދެ މުއައްސަސާ އިން ގުޅިގެން މަސައްކަތްކުރާނެ ގޮތް ކަނޑައަޅާނެ އެވެ. އަދި އޭސީސީގެ ހުށަހެޅުންތައް ތަންފީޒުކުރުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުންވެސް ހިމެނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭގޮތުން 883 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު، އޭސީސީގެ ތަހުގީގުތަކަށްފަހު 158 އެންގުމެއް އިސްލާހުކުރުމަށް ކުންފުނިތަކަށް ލަފާ ދީފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް ވިދާޅުވީ ދެ މުއައްސަސާގެ ދެމެދުގައި މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަރުހަލާ ވީހާވެސް އަވަހަށް ފަށަންޖެހޭ ކަމަށެވެ.