އޭސީސީ

އެމްއެމްއޭގެ މަސައްކަތްތަކާ ދޭތެރޭ އޭސީސީއިން ސުވާލު އުފައްދައިފި

މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ރާއްޖޭގެ ބޭންކިން ނިޒާމު ރަނގަޅަށް ބަލަހައްޓަމުންދާ ކަމާ ދޭތެރޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް އެމްއެމްއޭގެ މަސައްކަތާ ދޭތެރޭ ސުވާލު އުފެއްދެވީ އޭސީސީ އިން ކުރިއަށް ގެންދާ ތަހުގީގުތަކަށް ބޭންކްތަކުން މައުލޫމާތު ހޯދުން ދަތި ކަމަށް ވިދާޅުވުމަށްފަހު އެވެ.

ޝާމިލް ތުހުމަތުކުރެއްވި ގޮތުގައި ބޭންކްތަކުން މައުލޫމާތު ހޯދުމަށް އޭސީސީއަށް ދަތިވަނީ އެމްއެމްއޭއަށް ބޭންކިން ނިޒާމު ރަނގަޅަށް ނުބެލެހެއްޓޭތީ އެވެ. ޝާމިލް ވިދާޅުވި ގޮތުގައި ބޭންކިން ނިޒާމާ ގުޅޭ ބައެއް ގަވައިދުތައް އެމްއެމްއޭ އިން ހަދާފައެއް ނުވެ އެވެ.

"އެމްއެމްއޭ އިން ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަދަންޖެހޭ ގަވައިދުތައް އެންމެ ފުރިހަމައަށް ޒަމާނަށް ފެތޭގޮތަށް ނުހެދި ހުރީމާ އެމްއެމްއޭ އިން އެ އަދާކުރަންޖެހޭ ޒިންމާ ރަނގަޅަށް ބަލަން އެބަޖެހޭ އަޅުގަނޑުމެން،" ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތްވެސް ބެލުމަށްފަހު މުޅި ނިޒާމު ހަރުދަނާ ކޮށްގެން ނޫން ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދަން ދަތިވާނެ ކަމަށެވެ. ބޭންކިން ނިޒާމުގެ ތެރެއިން ލިބެންޖެހޭ މައުލޫމާތު ނުލިބޭނަމަ މައްސަލަތައް ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކުރުމަށް ދަތިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ ބޭންކުތަކުން މައުލޫމާތު ލިބުން ދަތިކަމުން ކަމާ ގުޅޭ އެތައް ބައްދަލުވުމެއްގައި އޭސީސީ އިން އެ މައްސަލަ ފާހަގަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެދެވޭ ހައްލެއް އެކަމަށް ލިބިފައި ނެތް ކަމަށް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ އެމްއެމްޕީއާރްސީއާއި ފެނަކައިގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކުގައި ފައިދާ ހޯދާފައިވާ މީހުން ފައިސާ ދައުރުކޮށްފައިވާ ގޮތް ބެލޭނީ ބޭންކްތަކުން މައުލޫމާތު ލިބިގެން ކަމާ ގުޅޭ އެނަލިސިސް ހެދިގެން ކަމަށެވެ. އެހެންވެ އިދާރާތަކުން އޭސީސީއަށް ހުރި ދަތިތަކަށް ހައްލު ހޯދައިދޭން އެއްބާރުލުން ދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.