ރައީސް މުހައްމަދު ނަޝީދު

ފިކުރެއްގެ ދިރުން ގޮފި ހަދައި އަލުން ކެންޑިޑޭޓް ކަނޑައެޅެން ވާނެ: ނަޝީދު

Jan 31, 2023
4

އެމްޑީޕީގައި އެމަނިކުފާނު އުފައްދަން ބޭނުންވާ "ފިކުރެއްގެ ދިރުން"ގެ ގޮފިތައް އުފައްދައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަލުން ކަނޑައެޅުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއަކަށް ދެއްވި އިންޓަވިއުގައި މިރޭ "ދިވެހި ޗެނަލް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު "ފިކުރެއްގެ ދިރުން" ގޮފިތައް އެމަނިކުފާނަށް ހެދޭނެ ކަމަށާއި އެ ފުރުސަތުވެސް އޮންނަން ވާނެ ކަމަށެވެ.

މިއިންޓަވިއުގައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީ އަކީ އެމަނިކުފާނު އުފެއްދެވި ޕާޓީއަކަށް ވާތީ އިތުރު ޕާޓީއެއް ނުހައްދަވާނެ ކަމަަށެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އޮތް ކަމަށް އެއްބަސްވެވަޑައިގެން ނަޝީދު ވިދާޅުވީ ފެކްޝަން އޮތް ނަމަވެސް އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އަކީ ވަރަށް ރަނގަޅަށް ހަދާފައި އޮތް ޕާޓީއެއް. މި ޕާޓީ ފަނޑުވެގެން ނުދާނެ. މި ފިކުރެއް ވެސް ގެއްލުވާނުލެވޭނެ. ރޫޅިގެންވެސް ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގެ ނަތީޖާއަށް ފަހު އެމަނިކުފާނު މިހާރު ކުރައްވާ މަސައްކަތަކީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތަކެއް ހަދައި 50،000 މީހުން ހަމަކޮށް އަލުން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ. މިމަސައްކަތުގެ ތެރެއިން އެމްޑީޕީން ކުރިން ކަނޑާލި ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ 39،000 މެންބަރުން އަލުން އެމްޑީޕީއަށް ވެއްދުމުގެ މަސައްކަތް ކުރައްވަމިުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިގޮތަށް ގޮފިތައް ހެދުމަށްފަހު އެ މީހުން ނިންމާނީ ކޮން ކެންޑިޑޭޓަކަށް ކަން ތާއީދު ކުރަންވީ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދެ ފެކްޝަން ގެންގުޅެން ވެސް އަދި "ފިކުރެއްގެ ދިރުން" ގޮފި ހިންގޭނެކަން ފައްޔާޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އޭނާ [ފައްޔާޒު] އަށް އެނގެން ޖެހޭނެ ދެ ފެކްޝަން ގެންގުޅެން. އޭނާއަށް އެކަންކުރަން އެނގޭނެވެސް މެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ރައީސް ނަޝީދު ގަބޫލުކުރައްވާ އެކަން އިއުލާންކުރެއްވި ނަމަވެސް އެމަނިކުފާނު މިރޭ ވިދާޅުވީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ އިތުރަށް މީހުން ވޯޓުލާފައިވާ 40 ފޮށި ފާހަގަކުރެވުނު ކަމަށާއި އެ ފޮށިތަކުގެ ނަތީޖާ ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވޯޓުތަކެއް ގަނެފައިވާ ކަމަށާއި އެ ވޯޓުތައް ބާތިލްކުރުމުން އެމަނިކުފާނާއި ރައީސް ސޯލިހާއި ދެމެދު އޮތް ފަރަގު ކުޑަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 24،572 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ15،631 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 އިންސައްތަ އެވެ.