ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ހިފެހެއްޓުމެއް ނެތް ތައުރީފް އިންޑިއާއަށް

Jan 31, 2023

ގައުމީ ތަރައްގީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމައުގައި ނަމޫނާ ހަމަހަމަކަމެއް ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެކަން، އިންޑިއާއިން އަންނަނީ ދުނިޔެއަށް ދައްކައިދެމުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ އެންމެހައި ކަންކޮޅުތަކެއްގައި އަދުލުވެރި އަދި އެންމެން ޝާމިލްކޮށްގެން ތަރައްގީ ފެތުރުމުގެ ބާރު ލިބިދެނީ އިންޑިއާގެ ގާނޫނުއަސާސީންނާއި، އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އިންޑިއާ އަކީ އެ ގައުމުގެ ދުސްތޫރީ ވެރިކަން ހިންގުމުގައި ރާއްޖެ ފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ގައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށެވެ. އަދި އިންޑިއާގެ ގާނޫނުއަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަސައްވުރަކީ ފުރިހަމަ ނަމޫނާއެއް ކަމުގައި ވިދާޅުވި އެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ކުރިއެރުމާއި ތަރައްގީއަށް އަދި ހަމަޖެހުމަށް އެ ގައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންވެރިކަމާއެކު ދައްކުވައިދީފި. އިންޑިއާގެ ގާނޫނުއަސާސީ އިން ވަނީ އެ ގައުމުގެ ސިޔާދަތާއި، ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި. އިންޑިއާގެ ކާމިޔާބީގައި އެ ގައުމުގެ ގާނޫނުއަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބައްލަވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖެއަށް ކުރިމަތިވި ގޮންޖެހުން ބޮޑު އުނދަގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ، ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަހްމަތްތެރިޔާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށް ދެމުންގެންދާ އެހީތަކަށާއި ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. އަދި އިންޑިއާގެ ޖުމްހޫރީ ހަޔާތުން މިފެށުނު އައު އަހަރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސާ ދްރައުޕަތީ މުރުމުއަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާވެސް ފޮނުއްވާފަ އެވެ.

އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، ދައުލަތުގެ އިއްޒަތްތެރިންނާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.