ބޮލީވުޑް

ސަލްމާންގެ ފޮޓޯގްރާފަރަކަށް އާމިރު ޚާން

"ޕަތާން" ރިލީޒްކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން ސަލްމާން ޚާން ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ބޮލީވުޑް ސުޕަސްޓާ އާމިރު ޚާންގެ ގެޔަށް ޒިޔާރަތްކޮށްފަ އެވެ.

މި ޒިޔާރަތުގައި ނަގާފައިވާ ބައެއް ފޮޓޯތައް އާމިރުގެ ދައްތަ ނިކްހަތު ޚާން ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވެ އެވެ. ނިކްހަތު ބުނި ގޮތުގައި އާމިރު ފިޔަވައި އޭނާގެ އާއިލާގެ އެހެން މެންބަރުންނާއެކު ސަލްމާން ނަގާފައިވާ ފޮޓޯ ނަގައިދީފައިވަނީ އާމިރެވެ.

ނިކްހަތު ޝެއާ ކުރި ދެ ފޮޓޯއިން އެއް ފޮޓޯގައި އާމިރުގެ އާއިލާއެކު ސަލްމާން ވަރަށް ރަކި ގޮތަކަށް ހީނލާފައި ހުއްޓާ ފެނެ އެވެ. ދެ ވަނަ ފޮޓޯއަކީ އެ ފެމެލީ ފޮޓޯ އާމިރު ނަގާނިކޮށް އެހެން މީހެއްގެ ކެމެރާއިން ނަގާފައިވާ ފޮޓޯ އެކެވެ. މި ފޮޓޯގައި އާމިރު ވެސް ފެންނަން ހުރެ އެވެ.

އާމިރުގެ ގެޔަށް ސަލްމާން ވަންނަނިކޮށް ޕަޕަރާޒީން ނަގާފައި ހުރި ފޮޓޯތަކުން ފެންނަނީ ވަރަށް ވަރުގަދަ ސެކިއުރިޓީ އާއެކު ސަލްމާން އައިސް އާމިރުގެ ގޭދޮށަށް މަޑުކޮށް އެގެއަށް ވަންނަ ތަނެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަލްމާންގެ މި ޒިޔާރަތަކީ "ޕަތާން"ގެ ކާމިޔާބީއަށް އާމިރުގެ ދައްތަ ނިކްހަތު އަށް މަރުހަބާ އާއި ތަހުނިޔާ ކިޔަން ކުރި ޒިޔާރަތެއް ކަމަށް ބެލެވޭ ކަމަށެވެ. "ޕަތާން"ގައި ނިކްހަތު ވަނީ ޝާހް ރުކް ޚާންގެ ކެރެކްޓާގެ ފޮސްޓާ މަންމަގެ ރޯލު އަދާކޮށްފަ އެވެ. އަދި ސަލްމާން ވެސް މި ފިލްމުގައި މެހެމާނެއްގެ ރޯލު ކުޅެފައި ވެއެވެ.

އާމިރުގެ ފަހު ފިލްމު "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމުން އޭނާ މިދުވަސްވަރު ހުރީ ދޮޅު އަހަރެއްހާ ދުވަހަށް ޗުއްޓީ ނަގައިގެންނެވެ. މިގޮތަށް ޗުއްޓީގައި ހުންނައިރު ބައެއް ފަހަރު ބޭރު ތެރޭން އޭނާ ފެންނައިރު ހުންނަ ސިފަޔަށް ބައެއް މީހުން މަލާމާތްކޮށް ފާޑުކިޔާކަން ފާހަގަކުރެވެ އެވެ.

މީހުންގެ މަލާމާތް އާމިރު އަށް ރައްދުވަނީ ބޮލާއި ތުނބުޅީގެ އިސްތަށިތައް ވަރަށް ބޮޑަށް ނުރަވެފައި ހުރުމުންނާއި މާ އާދައިގެ ގޮތަކަށް ހެދުން އަޅާތީ އެވެ.