ބޮލީވުޑް

ސަލްމާނާއި އާމިރު އީދު ފާހަގަކުރީ އެކުގައި

ސަލްމާން ޚާނާއި އާމިރު ޚާން އެކުގައި އީދު ފާހަގަކޮށްފި އެވެ.

ދެ ތަރިން އެކުގައި އީދު ފާޙަގަކުރަމުން ނަގާފައިވާ ފޮޓޯއެއް ސަލްމާން ވަނީ އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ.

މި ފޮޓޯ ބަލާފައި ފޭނުން ބުނީ "އަންދާޒް އަޕްނާ އަޕްނާ"ގެ ތަރިން އެކުގައި ފެނުމުން އެ ފިލްމުގެ ހެއްވާ މަޖާ އަމަރް-ޕްރޭމް ޖޯޑު މަތިން ހަނދާން ވެއްޖެ ކަމަށެވެ.

މި ދެ މިހުންނާއެކު ޝާޙް ރުކް ޚާން ބައިވެރި ނުވީ ކީއްވެތޯ ވެސް ބައެއް ފޭނުން ސުވާލުކޮށްފައި ވެއެވެ. ޝާހް ރުކް އާ ތިން އެކްޓަރުން އެކުގައި ނަގާފައިވާ ފޮޓޯއެއް ޝޭއާ ކުރި ނަމަ ވަރަށް އުފާވީސް ކަމަށްވެސް ފޭނުން ބުނެފައި ވެއެވެ.

އީދުގެ މުނާސަބަތުގައި ސަލްމާން ވަނީ އޭނާގެ އާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ރިލީޒްކޮށްފަ އެވެ. ފަރްހާދް ސަމްޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަލްމާންގެ އިތުރުން ޕޫޖާ ހެގްޅޭ، ޝެހެނާޒް ގިލް، ޕަލަކް ތިވާރީ ފަދަ އެކްޓަރުން ބައިވެރިވެފައި ވެއެވެ.

މި ފިލްމުގެ ރިވިއުތަކުގައި ކްރިޓިކްސް ބުނެފައިވާ ގޮތުން މިއީ ބުއްދި ގަބޫލުކުރެވޭ ހަމަތަކަށް ފެތޭ ފިލްމަކަށް ނުވިޔަސް ސިނަމާތަކަށް ގޮސް މަޖާ ވަގުތުކޮޅެއް ހޭދަކޮށްލަން މި ފިލްމު ހަމަ ރަނގަޅުވާނެ ކަމަށެވެ.

ފިލްމީ ވިޔަފާރީގެ އެކްސްޕާޓުން ބުނަނީ ފިލްމު ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހުގެ ވިޔަފާރި 12-18 ކްރޯޑަށް އަރާނެ ކަމަށް ވެސް ލަފާ ކޮށްފައި ވެއެވެ. އަދި ފިލްމުގެ ކުރިމަގާ މެދު އެއްޗެއް ބުނަން އެނގޭނީ ފިލްމުގެ ފުރަތަމަ ދެ ތިން ދުވަހުގެ ވިޔަފާރި ދާ ގޮތަކުން ކަމަށް ވެސް ޓްރޭޑް އެނަލިސްޓުން ބުނެފައި ވެއެވެ.