ގދ. ތިނަދޫ

ތިނަދޫން އުއްބައްތި އާއި ސާފުތެޔޮ ހުސްވެއްޖެ

ގދ. ތިނަދޫގައި ހިނގި އަލިފާނު ހާދިސާގެ ސަބަބުން އެރަށުން އެއްކޮށް ކަރަންޓު ކެނޑި ހާލުގައި ޖެހިފަިއވަނިކޮށް ރަށުން އުއްބައްތި އާއި ސާފު ތެޔޮ ހުސްވެއްޖެ އެވެ.

ތިނަދޫއިން އެއްކޮށް ކަރަންޓު ކެނޑިފައިވާތީ، މިރޭ އަލި ކަމެއް ހޯދަން އުއްބައްތި ގޭގެއަށް ގިނަ އަދަދަކަށް ގަތުމާ ގުޅިގެން އެ ރަށު ފިހާރަތަކުން ވަނީ އުއްބައްތި ހުސްވެފައެވެ.

"އުއްބައްތިއެއް ދެން ނެތް، ހުރިހާ އެއްޗެއް ވިކި ހުސްވެއްޖެ،" ތިނަދޫގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

މިރޭ ބޭނުންކުރާނެ ވަރަށް ބައެއް ގޭގައި އުއްބައްތި ހުރިނަމަވެސް ހުރިހާ ގެއެއްގައި އުއްބައްތި ނެތް ކަމަށް ތިނަދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އުއްބައްތި ހުސްވުމާ ގުޅިގެން ފުޅި ބައްތި ރޯކުރުމަށް ރައްޔިތުން ވަނީ ނިންމާފަ އެވެ. ނަމަވެސް މިކަމަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އެއީ ރަށުން ސާފުތެޔޮ ހުސްވުމާ ގުޅިގެންނެވެ.

"ރަށުގައި ސާފުތެޔޮ ވިއްކަނީ އެންމެ ގެއަކުން، އެ ގޭގައި ހުރީ ހަތަރު ފީފާ ސާފުތެޔޮ، އެއެއްކޮށް ހުސްވެ ރަށުގައި ނެތް މިހާރު ސާފު ތެލެއް، ސާފު ތެޔޮ ހޯދުމަށް ކިއު ހެދި އެންމެންނަށް ތެޔޮ ނުވެސް ލިބުން،" ތިނަދޫ މީހާ ބުންޏެވެ.

ސާފުތެޔޮ ހޯދުމަށް ވެސް ބޮޑު ކިޔުއެއް ހެދިއިރު ފޯނުތައް ޗާޖްކުރުމަށް ވެސް ތިނަދޫގައި ވަނީ ކިޔު ހަދާފައެވެ. ދިރާގުން ދަނީ ތިނަދޫގެ ރައްޔިތުންގެ ފޯނު ޗާޖް ކޮށްދިނުމުގެ ހިދުމަތް ދެމުންނެވެ. މީގެއިތުރުން ދިރާގުން ދަނީ ގޭގެއަށް ފެން ބެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ކަރަންޓު ކެނޑުމާއެކު ތިނަދޫގެ ފެނުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.

"ވަރަށް ގިނަ ދަތިތަކާ ވަނީ ކުރިމަތިވެފައި، އަޅުގަނޑުމެން ވަރަށް ހާލުގައި ހަމަ މިއުޅެނީ، ކަރަންޓު އެއްގޮތަކަށް ވެސް ނުލިބޭ، 1800ގެ އަހަރުތަކުގައި އުޅެވޭހެން ހީވަނީ،" އަވަސްއާ ވާހަކަ ދެއްކި ތިނަދޫގެ ރައްޔިތަކު ބުންޏެވެ.

ތިނަދޫއިން ވާހަކަ ދެއްކީ މީހާ ބުނީ، ކުޑަކުދިން ގެންގުޅޭ މީހުންނަށް ވަރަށް ބޮޑެތި ދަތިތައް ދިމާވާ ކަމަށާއި އެކުދިންނަށް ކާނާ ތައްޔާރުކުރުމަށް ބޭނުންކުރަނީ މިކްސްޗާ ކަމަށްވެފައިވާ ކަރަންޓު ނުލިބޭތީ ކާނާ ތައްޔާރުކުރަން ވެސް އުނދަގޫ ކަމަށެވެ.

ރޭ އެއްކޮށް ވެސް ގިނަ މީހުން ތިބީ ކަނު އަނދިރީ ކަމަށާއި ބައެއް ގޭގައި އަލިކަމެއްވީ ފޯނު ފްލެޝް ލައިޓް ދިއްލައިގެން ކަމަށް އޭނާ ބުންޏެވެ. އަދި މިރޭ ވެސް އަލިކަމެއް ހޯދުމަށް އެކި ގޮތްތައް ރާވަމުންދާއިރު ސައިކަލްތައް ދިއްލައިގެން ވެސް އަލިކަން ހޯދުމަށް ބައެއް މީހުން ނިންމާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ބަލަނީ ސައިކަލް ވެސް ވީ އެންމެ މަދަކުން ބޭނުންކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ތިނަދޫ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު މިހާރު ކުރާ މަސައްކަތުން ތިނަދޫގެ ގެތަކަށް ކަރަންޓު ފޯރުކޮށްދެވޭނީ ހަތަރު ދުވަސް ފަހުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އެރަށަށް ކަރަންޓް ދިނުމަށް ސްޓެލްކޯގައި ހުރި އެއް މެގަވޯޓްގެ ޖެނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ލ. ގާދޫ އާއި ގއ. ވިލިނގިލި އަދި މާމެންދޫ އިން ޖަނަރޭޓަރު ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ތިނަދޫގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.