ހުޅުމާލޭގައި އިސްތިހާރު ޖެހުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމަށް އުސޫލެއް ކަނޑައަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕޭން ފޮތިގަނޑެއް ހުޅުމާލޭގައި ދެމޭނީ ފޮތިގަނޑަކަށް ދުވާލަކަށް 10 ރުފިޔާ ދައްކައިގެން ކަމަށް އެޗްޑީސީން އަންގާފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ.
ބެނާ ޖެހުމުގެ އުސޫލު އެޗްޑީސީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކަމަށާއި އުސޫލާ ހިލާފަށް އެޗްޑީސީގެ ހުއްދަ ނެތި ޖަހާފައިވާ މިފަދަ ތަކެތި ނަގަމުންދާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން ހެދި ގަވާއިދުތަކުގެ ތެރެއިން ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ދޭނެ ކަމަށެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިޝާރާތް ކުރައްވާ އުމަރު ނަސީރު ވިދާޅުވީ މީގެ ހަފުތާ އެއްހާ ދުވަސް ކުރިން މުޅި ހުޅުމާލޭގެ އެތަން މިތަނުގައި ސަރުކާރު ޕާޓީގެ ދެ ކެންޑިޑޭޓުންގެ ފޮތިތައް ދަމާފައިވާއިރު މިފަދަ އެއްވެސް ހުރަސް އެޅުމެއް ނެތް ކަމަށެވެ.