އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެއްޖެ އެވެ.
އޭއެފްސީގެ އެކްސޯ އަށް ބައްސާމް އިންތިހާބުވީ މިއަދު ބަހްރޭންގައި ބޭއްވި 33 ވަނަ ކޮންގްރެސްގަ އެވެ. އޭޝިއާގެ މައި ފުޓްބޯޅަ އިދާރާގެ އެގްޒެކެޓިވް ކޮމިޓީގައި ހަތަރު އަހަރު ބައްސާމް ހޭދަކުރާނެ އެވެ. 2023 ގައި ފަށާ ދައުރު ހަމަވާނީ 2027 ގަ އެވެ.
ބައްސާމް މިހާރު އަންނަނީ އެފްއޭއެމްގެ ރައީސްކަމުގެ ދެވަނަ ދައުރެއް ފުރިހަމަކުރަމުންނެވެ. ފުޓްބޯޅައިގެ އާއިލާއަކަށް އުފަން ބައްސާމް އެންމެ ފުރަތަމަ ފުޓްބޯޅައިގެ ތެރެއިން ފެނުނީ 2003 ވަނަ އަހަރު ކްލަބް ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭގެފަހުން ދެ އަހަރު ވެލެންސިއާގެ އިދާރީ ހިންގުމުގެ ބައިގައި މަސައްކަތްކުރި އެވެ. ބައްސާމް ނައިބު ރައީސްގެ ގޮތުގައި ވެލެންސިއާގެ ހިންގާ ކޮމިޓީ އަށް އިންތިހާބުވީ 2013 ވަނަ އަހަރު އެވެ. އޭގެފަހުން 2015 ވަނަ އަހަރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން އަދާކުރި އެވެ.
އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް އިންތިހާބުވީ 2016 ވަނަ އަހަރު އަހުމަދު ތޯރިގު (ޓޮމް) އާ ވާދަކޮށްގެންނެވެ. ދެވަނަ ދައުރަކަށް ބައްސާމް އެފްއޭއެމްގެ ރައީސްކަމާ ހަވާލުވީ ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓެއް ނެތުމުން ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ބައްސާމްގެ އިތުރުން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެކްސޯގައި ކުރިން ހިމެނުނީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު އެވެ.
އޭޝިއާ ފުޓްބޯޅައިގެ ނުފޫޒުގަދަ މަގާމަކަށް ބައްސާމް ހޮވުނުއިރު ފަހަކަށް އައިސް އެފްއޭއެމްގައި މާލީ މައްސަލަތައް ގިނަވެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
މިއަދުގެ ކޮންގްރެސްގައި އޭއެފްސީގެ ރައީސްކަމަށް ހޮވިވަޑައިގަތީ ބަހްރޭންގެ ޝެއިހް ސަލްމާން ބިން އިބްރާހީމް އެވެ. މިއީ ޝެއިހް ސަލްމާން އޭއެފްސީގެ ރައީސްކަން ކުރައްވާ ތިންވަނަ ދައުރެވެ.
ސައުތު ޒޯނުން ބައްސާމްގެ އިތުރުން އިންތިހާބުވީ ނޭޕާލްގެ ޕަންކަޖު ބިކްރަމް ނެމްބަން އެވެ. ވެސްޓް ޒޯނުން ހޮވުނީ ޖޯޑަންގެ ޔޫސެފް އުމެއިޝް އާއި ކުވެއިތުގެ އަބްދުﷲ އަހުމަދު އަލްސާހީން އަލްރަބީއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބްދުﷲ ނަސީރު އަލްޖުނެއިބީ އެވެ.
ސެންޓްރަލް ޒޯނުން ކޮމިޓީގައި ހިމެނުނީ އުޒްބެކިސްތާނުގެ އިރަމަތޯވް ރަވްޝަން އެވެ. އީސްޓް ޒޯނުން ހޮންކޮންގެ ކައި ޝަން އެރިކް ހޮވުނުއިރު އާސިއާން ސަރަހައްދުން އިންތިހާބުވީ އޮސްޓްރޭލިއާގެ ކްރިސް ނިކޫގެ އިތުރުން ތައިލެންޑުގެ ގެން ސޮމްޔޯތު އެވެ.