މިނިސްޓްރީ އޮފް ޓޫރިޒަމް

ލިސްޓުން ބޯހުރާ އުނިކޮށް ރިސޯޓު ހަދާ ރަށްތައް އަލުން ބީލަމަށް

Feb 2, 2023

ރިސޯޓް ތަރައްގީކުރަން ހުޅުވާލި 15 ތަނުގެ ލިސްޓުން މ. ބޯހުރާ އުނިކޮށ އަލުން އެ ތަންތަން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަަމް މިނިސްޓްރީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރި އިއުލާނަށް ބަދަލު ގެނައި އެ އިއުލާންގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނުގެ ލިސްޓްގައި މ. ބޯހުރާ ހިމެނޭތީ އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލުމާ ގުޅިގެންނެވެ.

ބޯހުރާ އަކީ ރިސޯޓް ތަރައްގީކުރަން 2019 ވަނަ އަހަރު ހުޅުވާލި ތަންތަނުގެ ލިސްޓްގައި ވެސްް ހިމެނި އެވެ.

ބޯހުރާ އަކީ ރާއްޖޭގައި ރާޅާ އެޅުމަށް އެންމެ މަޝްހޫރު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެހެންވެ ބޯހުރާގައި ރިސޯޓު ހެދުމާ ދެކޮޅަށް މ. މުލީ ރައްޔިތުންނާއި ކައުންސިލާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން އަޑުއުފުލި އެވެ. އެ ކަންބޮޑުވުންތައް ދިފާއުކޮށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 25 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބޯހުރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ހުޅުވާލިއިރު އެރަށު ކައިރީގައި އޮންނަ ސާފް ޕޮއިންޓް، ބޯހުރާގެ ބައުންޑްރީގައި ހިމަނާފައި ނުވާނެ ކަމަށެވެ. ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގެ ސަރަހައްދު ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ބައުންޑްރީ ކަނޑައަޅާފައިވަނީ ސާފް ޕޮއިންޓް ވަކިކުރުމަށް ފަހުގައި ކަމަށްވެސް މިނިސްޓްރީން އޭރުން ބުންޏެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓްރީން މިއަދު އަލުން ކުރި އިއުލާންގައި ވަނީ ރިސޯޓް ހަދަން ދޫކުރާ ތަންތަނުގެ ލިސްޓުން ބޯހުރާ ވަކިކޮށްފަ އެވެ. މީގެއިތުރުން މި ތަންތަނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިމަހުގެ ހަވަނަ ދުވަހު ކުރިން ބާއްވަން ހަމަޖައްސާފައި އޮތް ބައްދަލުވުން މިހާރު ވަނީ މިމަހުގެ ހަތްވަނަ ދުވަހަށް ފަސްކޮށްފަ އެވެ. މި ބައްދަލުވުމުގެ ތާރީހަށް ބަދަލު ގެނައީ ފެބްރުއަރީ ހަވަނަ ދުވަހަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަށް ވެފައި އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ އެވެ.

ރިސޯޓް ތަރައްގީކުރަން ސަރުކާރުން މިހާރު ހުޅުވާލާފައިވާ ތަންތަނުގެ ލިސްޓުގައި އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ފ. ނިލަންދޫ ފަޅާއި ކ. ކާށިދޫ ފަޅުން ދޫކުރާ ތަނަށެވެ.

ކާށިދޫ އަދި ނިލަންދޫ ފަޅުން ކޮންމެ ފަޅަކުން ރިސޯޓް ތަރައްގީކުރަން ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ސަރަހައްދަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 2.2 މިލިއަން ޑޮލަރު ނުވަތަ 34 މިލިއަން ރުފިޔާ އެވެ.

މިއީ އޯޕަން ބިޑިން މަރުހަލާއެއްގެ ދަށުން ދޫކުރާ ފަޅުތަކަކަށް ވުމުން ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ މާބޮޑު އަގެއް ލިބޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރެ އެވެ.