( 29 ޖެނުއަރީ 2023 އާ ގުޅޭ )
"އިޓްސް ވެލަންޓައިންސް ޑޭ. އަހަރެން މިއިނީ އޮފީސް ކައިރީ ހުރި ކެފޭގައި. ނިންމާފަ އަންނައްޗޭ." ދަރަކްގެ ފޯނު ނެގި ވަގުތު ދިއްލިފައިވާ އިސްކުރީނަށް އަރާފައި އޮތް ނޮޓިފިކޭޝަން އަފްރާހު ކިޔާލިއެވެ. ހިތުގެ އިމޯޖީތަކާއިއެކު އިނގިރޭސިން ލިޔެފައި އޮތް ކުރު މެސެޖެކެވެ. އަފްރާހު ވަކި އެއްޗެއް ނުބުނެ ދަރަކްއަށް ފޯނު ދިއްކޮށްލީއެވެ. ނަމަވެސް ފޯނުގައި ހިފި ދަރަކްއަށް އެ މެސެޖު ފެނި މޫނަށް އަރާފޭބި ކުލަވަރު އަފްރާހަށް ވެސް ސިއްރެއްނުވިއެވެ.
"އަފްރާ ދޭ އޮފީހަށް. އަހަރެން އެބައަންނަން." ދަރަކް މިހެން ބުނެ ލިފްޓަށް ނުވަދެ އެނބުރުނީ އޮފީހުން ނުކުންނާށެވެ. އޭނާގެ ހަރަކާތްތައް ހުރީ އަވަސް އަރުވާލާފައެވެ. ލަސްވެގެން އުޅޭ މީހަކު ފަދައެވެ.
"ސީރިއަސްލީ..." އަފްރާހު ބުނެލިއެވެ. އަދި އެއްމިޔަކަނުން ހެވިފައި ދަރަކް ނުކުމެގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން އަފްރާހު ހުއްޓެވެ.
* * * * *
އާ ދުވަހެކެވެ. ސިޓިންރޫމު ތެރެއިން ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދަމާ ދޮރު ކަހާލާފައި ހުރުމުން އެޕާޓްމެންޓް ތެރެއަށް ހެނދުނުގެ ތާޒާ ވައިރޯޅިތައް ވަންނަމުން ދިޔައެވެ. ގޭތެރެ އެއްވަސްވެފައިވީ ބަދިގޭގައި ހުރި ދަރަކް ތައްޔާރު ކުރަމުން ދިޔަ ކޮފީގެ ވަހުންނެވެ. އޭރު ކާމޭޒު ދޮށުގައި ނާސްތާ ކުރާން ލައިލީ އިނެވެ.
"ޕްރެގްނެންސީ ކަންތައްތައް މަޑުޖައްސާލަން އަހަރެން ނިންމައިފިން. ވަގުތު ޖެހުނީމަ ލިބެން ހުރިއްޔާ ދަރިއަކު ވެސް ލިބެނޭތާ. އެންމެ ރަނގަޅުވާނީ އެކަން އެގޮތައްވާން ދޫކޮށްލިއްޔާއޭ ހިތަށް އެރީ." ލައިލީ ބުންޏެވެ.
"އައި އޭމް ސޮރީ. އަހަންނާ ހެދިގެންކަން އެނގޭ." ލައިލީއަށް ބަލާލަމުން ދަރަކް ބުންޏެވެ.
"މި ވީކަންޑްގައި ހިނގާ މިތާ ކައިރި ކޮންމެވެސް ތަނަކަށް ދާން." ލައިލީ ޚިޔާލެއް ފާޅުކުރިއެވެ.
"މި ވީކަންޑް..." ދަރަކް ކިޔާލިއެވެ.
"ނުދެވޭނެތަ؟. މާޙައުލު ބަދަލުކޮށްލައި ރިލެކްސްކޮށްލަން ކަމަށް." ލައިލީ ބުންޏެވެ. ދަރަކް ލުއި ހިނިތުންވުމަކާއެކު ހޫން ލައްވާލިއެވެ.
"ރަނގަޅު ޚިޔާލެއް. އެކަމަކު މި ވީކަންޑަށް ޔަގީންކަމެއް ނުދެވޭނެ." ދަރަކް ވިސްނަމުން ވާހަކަދެއްކިއެވެ.
"އެއީ... ކޮންކަމެއް އޮތީ؟." ލައިލީގެ ނަޒަރު ދަރަކްއާ ސީދާކޮށްލެވުނެވެ.
"ކޮމްޕެނީގެ އާ ބްރާންޗެއް އައްޑޫގައި އެބަހުޅުވާ. މިހާރު ހަފްތާއެއް މިވީ އެކަމާ ވެރީންގެ މީޓިންގައި މަޝްވަރާ ކުރާތާ. މި ވީކަންޑުގައި ހުރިހާ ވެރީން އެކޮޅަށް ދާން އެބަކިޔާ. އެއްވެސް ކަމެއް އަދި ފައިނަލެއް ނުވޭ. އެކަން ފަސްކޮށްފިއްޔާ މި ވީކަންޑުގައި އަހަރެމެންނަށް ދެވިދާނެ ތަނަކަށް. އަހަރެން ވެސް ބޭނުންވެފައި މިހުންނަނީ ލައިއާއެކީ އެކަހަލަ ވަގުތުކޮޅެއް ހޭދަކޮށްލަން." ދަރަކް ބުންޏެވެ.
"އައްޑޫއަށް ދާންތަ ތިއުޅެނީ." ލައިލީއަށް ވަގުތުން އަހާލެވުނެވެ.
"މަޤާމުގެ ގޮތުން ދާން ޖެހޭނެ. އަނެއްކާ ޕްރޮޖެކްޓްގެ ހުރިހާކަމެއް އެދަނީ އަހަރެންގެ ބެލުމުގެ ދަށުން." އޮޅުންފިލުވާ ދިނުމުގެ ގޮތުން ދަރަކް ބުންޏެވެ.
"އޮފީސްތަކުގައި ގިނަ ފަހަރަށް ވެރީން ދާ މަސައްކަތު ދަތުރުތަކަކީ ލޮލުގައި އަޅުވާ އަދުނެއް. މަސައްކަތުގެ ނަމުގައި ގޮސް ކުރާނީ މުޅީން އެހެންކަމެއް." ޚިޔާލުތަކުގައިވީ އެއްޗެއް ލައިލީއަށް ދުލުން ހާމަކުރެވުނީ ބޭއިޚްތިޔާރުގައެވެ. އެކަން ރިއެކާލީ ހިނދު އޭނާ ވަގުތުން ހިމޭންވިއެވެ. ދަރަކް ހައިރާންވެ ބަލަން ހުރީ ހަރަކާތެއް ކުރާން ނޭނގިފައި ހުރި މީހަކު ފަދައިންނެވެ. ލައިލީ އަވަސްއަވަހަށް ތަށީގައި އޮތް ޕާންފޮތި ކާންފެށިއެވެ. ދަރަކްގެ މޫނުގައިވި އަސަރުތައް ފިލުވާލުމާއެކު އޭނާ ހޭންފެށިއެވެ.
"ލައި ހާސްނުވޭ. އެކީގައި ދާން އުޅޭ މީހުންނަކީ ބޮލުގައި ރިހުމެކޭ އެއްވަރުގެ ބައެއް. އަފްރާހު ވެސް ހުންނާނެ. އޭނާގެ އުނދަގޫ އަދި އެންމެ ބޮޑުވާނީ." ހިނިއައިސްފައި ހުރެ ދަރަކް ބުންޏެވެ.
"އަންހެނަކު ނުދޭތަ؟." ލައިލީއަށް އަހާލެވުނެވެ.
"އެކަކު ދާނެ. އަނގަ ގަދަޔަސް ރަނގަޅު ކުއްޖެއް އެއީ. އަހަރެން އެހާ ވާހަކައެއް ނުދައްކަން. އެހެންނޫނަސް އަހަންނާ އަނގަތަޅުވާވަރަށްވުރެ އޭނާ މާ ހަގު." ދަރަކް ބުންޏެވެ. އޭނާ ބުނި ރާގާއި އެ މޫނުގައި ވެސް ބުނި ބަހުގެ ތެދުކަން ފާޅުވެޔެވެ.
"ރީތި ކުއްޖެއްތަ؟." ލައިލީ އަހާލިއެވެ. އެއާއެކު އަނެއްކާ ވެސް ދަރަކް ހީނލައިފިއެވެ.
"ނޭނގެ. އެކި މީހުން ރީތި ސިފަކުރާނީ އެކިގޮތަށް. އެހާ ބައިވެރި އަންހެން ކުދީން އުޅޭ އޮފީހެއްނޫނެއްނު އެއީ. އަނެއްކާ އެހާ ޔަންގު ކުއްޖަކަށް އޭނާ ނޫނީ ނޫޅޭނެ. އެހެންވެ ކަންނޭނގެ. ޑިޕާޓްމެންޓް ތަކުގެ ޒުވާނުންގެ ތެރޭ އޭނާގެ ނަން ކިޔާއަޑު ވަރަށް އިވޭނެ. ކާންދިޔަސް އެހެން ކަމެއްގައި އެންމެން ދިޔަޔަސް އޭނާ ބައިވެރިކުރާނެ." ދަރަކް ކިޔާދިނެވެ.
"އެކަމެއް ނޭނގެ ސަމައިރާގެ އިންސްޓަގްރާމްގައި މުޅި ދުނިޔެއިން ވެސް އެންމެ ރީތި އަންހެންކުއްޖާއޭ ކިޔާފައި އޮތްއިރު... އެކަމާ ސުވާލު ކޮށްފިއްޔާ ދޭނޭ ޖަވާބެއް އޮންނާނެތަ؟. ދަރަކް ބުނާނީ ކީކޭ؟. ކޮންމެވެސް ބަހަނާއަކާއެކީ ދޮގުތަކެއް ހަދާނީތަ؟." ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ލައިލީއަށް ވިސްނަން އިނދެވުނެވެ. އެ ހިމޭންކަމުގައި އޭނާ ވަނިކޮށް ދެ ޖޯޑު ކޮފީ ހިފައިގެން ދަރަކް އައިސް މޭޒު މަތީ ބަހައްޓައިފިއެވެ. އަދި ލައިލީގެ ދަތްދޮޅީގައި ހިފާލައި ދަރަކްއާ ދިމާއަށް އެ މޫނު އަނބުރާލިއެވެ.
"އަހަރެންގެ ލައިހާ އެއްވެސް އަންހެނެއް ރީއްޗެއް ނުވާނެ. ތި ލޯބިކަން ކިހިނެއް ހޯދާނީ.... ބުނަން. ލައި ޖެލަސްވީމަ ވަކިން ލޯބި." ދަރަކް ހީނލީ ނިކަން ލޯބިންނެވެ. މޭޒުދޮށުގައި އިށީނުމުގެ ކުރީން އޭނާ ލައިލީގެ ކޮލުގައި ހިފާލިއެވެ. ލައިލީ ލޯ ބޮޑުކޮށްލާފައި ލޯ އަޅާލި ގޮތުން ވަކިން ބޮޑަށް ދަރަކް ހޭންފެށިއެވެ.
ދަރަކް އޮފީހަށް ދިއުމުން ލައިލީ ވެސް ތައްޔާރުވީ ހެނދުނުގެ ޑިއުޓީއަށް ދާށެވެ. ދެ މީހުން ދާން އޮންނަނީ ދެ ގަޑިއަކަށެވެ. ދަރަކް އޮފީހަށްދާން ނުކުންނަ ގަޑީގައި އޭނާއާއެކު ހިނގައްޖެނަމަ ލައިލީއަށް ހޮޓެލަށް ދެވޭނީ ޑިއުޓީ ފެށުމުގެ އެއްގަޑިއިރު ކުރީންނެވެ. ދަރަކް ކައިރީ ހެނދުނު ޑިއުޓީއަށް ގެންގޮސްދޭން ލައިލީ ނުބުނަނީ އެހެންވެއެވެ. ވަގުތު އޮތުމުން ލައިލީ އައިސް އިށިނީ ކާމޭޒުދޮށުގައެވެ. މޭޒުމަތީ އަތް ދަބަސް ބަހައްޓާލާފައި އޭނާ ފޯނު ނެގިއެވެ. ދަރަކްގެ ޚިޔާލުގައި އިނދެ ލައިލީ އިންސްޓަގްރާމް ހުޅުވާލިއެވެ. "ޕްރިޓީ ސަމާރާ"ގެ އަކައުންޓު ލައިލީ ހުޅުވާލިއެވެ. ލައިލީ އެ އެކައުންޓު ނުބަލާތާ ދުވަސްތަކެއް ވެއްޖެއެވެ. ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން ސަމައިރާގެ އެކައުންޓަށް ފޮޓޯއެއް ލާފައެއް ނެތެވެ. މާބޮޑުކަމެއް ދިރިއުޅުމުގައި ނުހިނގާތީ ކަހަލައެވެ. ބަނޑުބޮޑުވާން ތައްޔާރުވަމުން ދިޔައީތީ އެކަމުގައި ދަރަކް ގިނަވަގުތު ގޭގައި ހޭދަކުރާން ޖެހުނީމާ ސަމައިރާއަށް ވަގުތު ނުދެވުނީ ކަމަށް ވެދާނޭ ލައިލީ ހިތަށް އެރިއެވެ.
"ވެލެންޓައިންސް ޑޭ. އިއްޔެ ޕޯސްޓްކޮށްފައި." ފެބްރުއަރީ ސާދައިގަ ސަމައިރާ ލާފައި އޮތް ފޮޓޯއަށް ލައިލީ ބަލަންއިނެވެ. "ހާޝީސް ކިސަސް" ޗޮކުލެޓެއް ތުންފަތުގައި ޖައްސާލައިގެން ހުރެ މޫނުކޮޅު އަރާވަރަށް ނަގާފައިވާ ފޮޓޯއެކެވެ.
"އިޓްސް ވެލަންޓައިންސް ޑޭ އެންޑް އައި ސީކްރެޓްލީ ގޭވް ޗޮކްލެޓް." ލާފައި އޮތް ފޮޓޯގެ ތިރީގައި ހިތަކާއެކު ސަމައިރާ އިނގިރޭސިން ލިޔެފައިވާ ބަސްކޮޅު ލައިލީ ކިޔާލިއެވެ.
ދަރަކް އިއްޔެ އޮފީހުން އައީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. ހަމައެއާއެކު ގެއަށް އައިސް ހެދުން ބަދަލުކުރަން އުޅެފައި އަލަމާރި ކައިރިއަށް ދަރަކް ގޮސް އޭނާގެ ލެޕްޓޮޕް ދަބަހުން ނެގި އެއްޗެއް އަލަމާރިއަށް ލީކަން ލައިލީ ހަނދާންވިއެވެ. އިއްޔެ އެކަން ހިނގި ވަގުތު ލައިލީގެ ހިތުގައި ކުޑަ ވެސް ވަހުމެއް ނެތެވެ. އެކަމަކު މިހާރު އެކަން ހަނދާންވުމުން އާދައިގެ ކަމެއްގެ ގޮތުގައި ލައިލީއަށް ޤަބޫލުކުރާން ފަސޭހައެއްނުވިއެވެ. އެ ވިސްނުމާއެކު ލައިލީއަށް ހީވީ ކަރަންޓުގެ ޝޮކެއް ޖެހުނީ ހެންނެވެ. މީހާ ފުންމައިގެން ތެދުވިގޮތުން އިށީނދެ އިން ގޮނޑި ފަހަތަށް ވެއްޓުނީއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުދިނެވެ. ހަލުވިކޮށް ލައިލީ އައިސް ވަނީ ކޮޓަރިއަށެވެ. އަލަމާރި ބަލަންފެށިއެވެ. އިއްޔެ އޮފީހުން އައިގޮތަށް ދަރަކް އަލަމާރިއަށް ލާން ޖެހުނީ ކޮންއެއްޗެއްތޯއެވެ. އޭނާގެ އަތެއް އަލަމާރީގެ އެންމެ މަތީ ބަޔަކަށް ނުފޯރައެވެ. އެތަނުގައި ބަހައްޓާފައި ހުރީ އާންމުކޮށް ނަގަން ނުޖެހޭ ފަދަ އެއްޗިއްސެވެ. އެބައިނޫން ހުރިހާތަނެއް ބެލިއިރު ވެސް ލައިލީ ފެނިދާނޭ ހީކުރި ފަދަ އެއްވެސް އެއްޗެއް ލޮލުގައި އަޅައެއް ނުގަތެވެ. އެހެންވެ އޭނާ އެނބުރި އައިސް ކާމޭޒު ކައިރިން ވެއްޓުނު ގޮނޑި ނެގިއެވެ. ދެއަތުން އެ ގޮނޑި އުފުލާލައިގެން އައިސް ކޮޓަރިއަށް ވަދެ ހުޅުވާފައި ހުރި އަލަމާރީގެ ކުރިމަތީ ބެހެއްޓިއެވެ. އެއަށް އަރާ ހުރެ އަލަމާރީގެ އެންމެ މަތި ލައިލީ ހާވަންފެށިއެވެ. ކަޅުކުލައިގެ އޮފުއަރާ ކަރުދާހަކުންވީ ކުޑަ ކޮތަޅެއް ލައިލީއަށް ފެނުނެވެ. އެ ނަގައި އެތެރެ ބަލާލިއިރު ޕާރުސަލްކޮށްފައިވާ ކުޑަފޮށްޓަކާއި ކަރުދާސްކޮޅެއް އޮތެވެ. ލައިލީ ގޮނޑިން ފޭބިއެވެ. އެނދު ކައިރިއަށް ޖެހިލައި ކޮތަޅު ތެރޭ އޮތް ފޮށި ނެގިއެވެ. ޕާރުސަލްކޮށްފައި އޮތުމުން ހަތަރެސްކަން ފޮށްޓެއްކަން ފިޔަވައި އެއީ ކޮންއެއްޗެއްކަން އެނގޭނޭ ގޮތެއް ނެތެވެ. އެނދުމަތީ އެ ފޮށި ބާއްވާފައި ކޮތަޅުތެރޭ އޮތް ކަރުދާސްކޮޅު ލައިލީ ނެގިއެވެ. އެއީ ކުޑަކުޑަ ކާޑެކެވެ. އެޑްރެސް ކާޑު ވަރުގެ ހިމަދިގުކޮށް އޮތް ހުދުކާޑުގައި ރަތްކުލައިގެ ހިތްތަކެއް ޖަހާފައި ވެއެވެ. ކާޑުގައި ރަތްކުލައިން "ވިތް ލަވް" ކަނޑާނަގާފައިވާ ފަދައިން އިނގިރޭސިން ލިޔެފައި އޮތެވެ. ނަމަވެސް ލައިލީއަށް މުހިންމުވީ އެ ބަސްކޮޅުގެ ތިރީގައި ގަލަމުން ލިޔެފައި އޮތް "ފްރޮމް އެސް." އެވެ. ވަގުތުން ލައިލީއަށް ދަތްކުނޑިވިކާލެވުނެވެ.
"މެރީކުރުމުގެ ކުރީން ވެސް އަހަރެމެން ވެލަންޓައިންސް ޑޭ އެއް ފާހަގައެއްނުކުރަން. އެސް އަކީ ސަމައިރާނޫނީ ދެން އެހެން ކާކު. ސުވާލު ކޮށްފިނަމަ ދަރަކް ބުނާނީ ދިނީމާ ނުހިފާ ނުކެރުނީއޭތަ؟. އަންހެނަކު ދޭހާ އެއްޗެއްގައި ހިފަން ޖެހޭތަ؟. އަހަރެމެން އުޅޭ ގެއަށް އެހެން އަންހެނުން ދޭ އެއްޗެހި ގެންނާކަށް ނުޖެހޭ." ލައިލީއަށް ބުނެލެވުނެވެ.
ދަރަކް އެ ކޮތަޅު ފޮރުވަފާނެތީ ލައިލީ އެ އެއްޗެހީގެ ފޮޓޯއެއް ނެގިއެވެ. އަދި އިހު ހުރި ތަނުގައި އެ ހުރި ގޮތަށް ބެހެއްޓިއެވެ. އަލަމާރި ލައްޕާލާފައި ކޮޓަރިއަށް ވެއްދި ގޮނޑި އަލަމާރި ކައިރީ ހުރީތީ އޭގައި ލައިލީ އިށީނެވެ. ފޯނުގައި ރައްކާކުރި ފޮޓޯއަށް އޭނާ ބަލަންފެށިއެވެ. ގަޑިންވީއިރު ލޮލުގައި އަޅައިގަތީ އެހިނދުއެވެ.
"ލަސްވެއްޖެ." ހާސްވެފައި ލައިލީއަށް ބުނެލެވުނެވެ.
ކާމޭޒު ކައިރިއަށް ގޮނޑި ގެނެސްފައި ނިކަން އަވަސްކޮށްލައިގެން ލައިލީ ގެއިން ނުކުތެވެ. މަޑުމަޑުން ހަމަޖެހިލައިގެން ހިނގާފައި ދެނެއް ނުދެވޭނެކަން އޭނާއަށް އެނގެއެވެ. ހޫނުވިޔަސް އޭނާ ހިނގުން ބާރުކޮށްލީ ގަޑި ނުޖެހި ޑިއުޓީއަށް ދެވޭތޯއެވެ. ނަސީބަކުން ބަރާބަރު ގަޑިއަށް އޭނާއަށް ހޮޓެލަށް އާދެވުނެވެ. ރިސެޕްޝަންއަށް ނުކުތުމުގެ ކުރީން އޭނާ މޫނުގައިވީ ދާތިކިތައް ފުހެލައި ފުށްކޮޅެއް ޖަހާލިއެވެ. މޫނުމަތި ތާޒާވެލިއެވެ. ލައިލީ އައިސް ޑިއުޓީއާ ހަވާލުވިއެވެ. އަކިޔަލް ނެތުމުން ބޭނުންހާ ވާހަކައެއް ދައްކާނޭ ފުރުޞަތެއް ލައިލީއަށް ނެތެވެ. އަކިޔަލްއާއެކު ޑިއުޓީ އަދާކުރާއިރު ވަގުތުދާލެއް ލައިލީއަށް އަވަހެވެ. ފޫހިވާނޭ ފުރުޞަތެއް ލައިލީއަށް ނުލިބޭނެއެވެ. ދެރައީ މެންދުރުފަސް ޑިއުޓީގައި ނޫނީ އަކިޔަލްއާ ދިމާނުވާނެތީއެވެ. އަނެއްކޮޅުން ހައިރާންވާންޖެހޭ ކަމަކީ މެންދުރުފަސް ޑިއުޓީގައި ލައިލީއާއެކު އަބަދުވެސް ޑިއުޓީ ނަގަން ހުންނަ ބައިވެރިއަކަށް ދިމާވަނީ އަކިޔަލްކަމެވެ. ޚިޔާލުތައް ޚިއްޞާކޮށްލައި އުދާސްތައް ބޭރުކޮށްލާނޭ ފުރުޞަތެއް ނުލިބުނީތީ ޑިއުޓީ ނިމެންދެން ލައިލީގެ ސިކުނޑި ހާސްކުރުވަމުން ދިޔައީ ދަރަކްއާއި ސަމައިރާގެ ޚިޔާލުތަކެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޭނާއަށް ބާރެއް ނެތް ފަދައެވެ. އެ ޚިޔާލުތައް ސިކުނޑިން ނެރިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމުން ސަލާމަތެއް އޭނާއަށް ނުވެވުނެވެ.
ޑިއުޓީ ނިމުމުން ކާޑު ޖަހާފައި ލައިލީ ނުކުންނަނިކޮށް އަކިޔަލް ގޮވާލި އަޑު އިވުނުހެން ހީވެ ހުއްޓުނެވެ. އަޑު އައީ ފަހަތުން ކަމަށްވާތީ ލައިލީ އެނބުރި ވަށައިގެން ހޯދާލިއެވެ. އޭރު އަކިޔަލް ސިޑިން ފައިބައިގެން އަންނަނީއެވެ.
"ހަވީރު ސަޔަށް ކޭކެއް ފިހެން ލައިގެންތަ ތިއުޅެނީ." ލައިލީއާ އަރާ ހަމަކޮށްފައި އަކިޔަލް ބުނެލިއެވެ.
"އަބަދުވެސް އެކަހަލަ ބޭކާރު ކޮންމެވެސް އެއްޗެކޭ ބުނާނީ. މަށަކަށް ނޭނގެ އާކި ތިކިޔާ އެއްޗެއް. ގެއަށް ދާން މިދަނީ." ލައިލީ ހިނގައިގަންނަން އެނބުރިލިއެވެ.
"ހިނގާ ދާން." ލައިލީއާ އެއްވަރަށް ހިނގައިގަންނަމުން އަކިޔަލް ބުންޏެވެ. މިފަހަރު ލައިލީއަށް ބަލާލެވުނީ ހައިރާންވެފައެވެ.
"ދެން ޑިއުޓީގަ ކާކު." ލައިލީއަށް އަހާލެވުނެވެ.
"މީ އަހަރެން ޑިއުޓީ ނަގާ ހަފްތާއެއްނޫން. ވަރަށް ބަނޑުހައި. ހިނގާ އަހަންނަށް ސައިދޭން. ޑިއުޓީ ވެސް ނިމުނީނު." އަކިޔަލް ބުންޏެވެ.
"ސައިދޭށޭ." ހައިރާންކަމާއެކު އަކިޔަލްއަށް ބަލަމުން ލައިލީއަށް މޫނަށް ގޮތެއް ހަދާލެވުނެވެ. މިނޫނީ އަކިޔަލް އެފަދަ ކަމަކަށް ނޭދެއެވެ.
"ހޫމް... ލައިލީ ދައްކާ ހުރިހާ ވާހަކައެއް އަހަރެން އަޑުއަހާތީ އެކަމާ ޝުކުރު އަދާކުރަން. އެގޮތް ކިހިނެއްވާނެ." ހީނލަމުން އަކިޔަލް ދެ ބުމަ ތަޅުވާލިއެވެ.
"ޝުކުރު ހޯދަނީ ބުނެކިޔައިގެންތަ؟." ލައިލީ ބުނެލިއެވެ. އޭރު ދެ ޒުވާނުންނަށް ވެސް ތިބީ މަގުމައްޗަށް ނުކުމެވިފައެވެ.
"އަހަރެން ދާން ބޭނުން ތަނެއްވީމަ. އެކަމަކު އަހަރެން އެކަނި ގޮސްގެން ހިޔެއްނުވޭ ތަންކޮޅެއް ލިބޭނެހެން. އެގޮތް ސަޅިއެއްނޫން. އެތާނގެ ފޮނި އެއްޗެހި ވަރަށް މީރު ކަމަށްވަނީ." އަކިޔަލް ބުންޏެވެ.
"ތިކަމާ އަހަންނާ އޮތީ ކޮންގުޅުމެއް." ލައިލީއަށް ދެކޮނޑު އަރުވާލެވުނެވެ.
"ކަމަކާ ރުޅި އައިސްފަ ތިހުރީ. އޭގެ މާނައަކީ މިވަގުތު ލައިއަށް އެންމެ މުހިންމީ ފޮނިއެއްޗެކޭ. ހިނގާ... މީރު ފޮނި އެއްޗެއް ކާލަނިކޮށް މީހާ ހަމަޖެހިދާނެ." އަކިޔަލް ބުނެލިއެވެ. މިފަހަރު އޭނާގެ ފަނޑު ހިނިތުންވުމާއި ބެލުމުގައިވީ އަސަރު ދެނެގަންނާކަށް ލައިލީއަކަށް ނޭނގުނެވެ.
އަކިޔަލްއާއެކު ނުދަނީސް އޭނާ ކުރުނުކުރާނޭކަން ލައިލީއަށް އެނގެއެވެ. އެހެންވިޔަސް އޭނާގެ އިޙްސާސްތައް އަކިޔަލް ދެނެގަންނަލެއް ފިސާރި ކުޅަދާނައެވެ. އަކިޔަލްގެ އެ ސިފައިން ލައިލީ ބަސްހުއްޓި ދެއެވެ. ހައިރާންކަމުގައި އަޖައިބުވެފައި ހުރެވެއެވެ. އަކިޔަލް ހިނގައިގަތުމުން އޭނާއާއެކު ލައިލީ ވެސް މަޑުމަޑުން ކުރިޔަށް އައެވެ.
ހަވީރު ހަތަރެއްގެ ފަސްވެފައިވާތީ މަގުތަކުގައި މީހުން ވެސް ގިނައެވެ. ދަނީ ކޮންތާކަށްކަމެއް ލައިލީއަށް ނޭނގުނަސް އަކިޔަލް އެތަން ހުންނަ ހިސާބު ލައިލީއަށް ކިޔާދިނެވެ. ލައިލީގެ އެކުވެރީންނާއެކީ ނޫން ގޮތަކަށް އޭނާ ތަންތަނަށް ގޮހެއް ނޫޅެއެވެ. ދަރަކްއާ ރައްޓެހިވީއިރު ވެސް ލައިލީގެ ފިރިހެން ރައްޓެއްސެއް ނުހުރެއެވެ. އެހެންވެ ދަރަކްނޫން ފިރިހެނަކާއެކު އޭނާ ދަނިކޮށް މީހަކަށް ނުވެސް ފެންނާނެއެވެ. އެ ޚިޔާލާއެކު ލައިލީއަށް އަކިޔަލްއަށް ބަލާލެވުނެވެ. އާންމުކޮށް އަކިޔަލް ޑިއުޓީއަށް އަންނައިރު ހުންނަ ގޮތާ ތަފާތުކަން ލައިލީއަށް ފާހަގަކުރެވުނެވެ. އަތުގައި އަޅާފައި އޮތް ގަޑީގެ އިތުރުން ގަތާފައި އޮތް ލެދަރުކަމަރެއް އޮތެވެ. ކުރުކޮށް ބަހައްޓާފައި ހުންނަ އިސްތަށިގަނޑު ކަޅުކަން ގަދެވެފައި ބޮލެވެ. އަބަދުވެސް ފެންނައިރު އިސްތަށިގަނޑު ހުންނަނީ ނިތްމަތިން މައްޗަށް ކޮޅަށް ޖެހިފައި ހުންނަހެން ސްޓައިލްކޮށްފައެވެ. އަނދިރި ކުލަތައް ނޫނީ ހެދުން އެޅުމުގައި ބޭނުން ކުރާތީ ލައިލީ ނުދެކެވެ. މިހާރު ވެސް އަކިޔަލް ހުރީ ގަދަ އަޅިކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސެއްގައެވެ. ގަޔަށް ދޫކޮށް ޓީޝާޓު ހުއްޓެއްކަމަކު ދެއަތަށް ހުރީ ހިސާބަކަށް ހިފާލާފައެވެ. އަކިޔަލްގެ ހެދިހުރި އިސްކޮޅާއެކު އޭނާގެ ހަށިގަނޑުގެ ބައްޓަން ކަސްރަތުކުރާ ޒުވާނެއްކަން ހެކިވެއެވެ. އަކިޔަލްގެ ކައިރީ ލައިލީގެ ބޯ އަރަނީ އޭނާގެ ކޮނޑާ ހަމައަކަށެވެ. އެ ދެ ޒުވާނުން ފެންނަ މީހުން އެމީހުން އެކުގައި ސިފަކުރާނީ ކިހިނެއްބާއޭ ލައިލީ ހިތަށް އެރިއެވެ. ކޮއްކޮއާއި ބޭބެއެއްގެ ގޮތުގައި ބާއެވެ. ނޫނީ ދައްތައަކާއި ފިރިހެން ކޮއްކޮއެއް ހެއްޔެވެ. ދެ ލޯބިވެރިންހެން ނުދެކޭނެބާއެވެ. އެ ސުވާލުތަކުން ލައިލީއަށް ހިސާބެއްގެ ނުތަނަސްވަކަން ލިބުނެވެ. އޭނާއާއި އަކިޔަލްއާ މެދު ގޯސް ވިސްނުމަކުން މީހަކު ދެކޭކަށް އޭނާ ނޭދެއެވެ. މަޑުމަޑުން އަކިޔަލްއަށްވުރެ ފަހަތަށް ލައިލީއަށް ޖެހިލެވުނީ އެހެންވެއެވެ.
"މީ އެތަން." ކެފޭގެ ކައިރިއަށް ހުއްޓިލަމުން އަކިޔަލް ބުންޏެވެ.
"މިތަން!... އަހަންނަށް އެނގޭ މިތަން. އެފްބީއިން ދުށީން އެމީހުންގެ އެޑެއް. ވަރަށް ފަހުން މިމީހުން މިތަން ހުޅުވީ... ކުޅިދިޔާވޭ އެޕްބީއަށް ލާފައި ހުރި ފޮޓޯތައް ފެންނަ ކޮންމެ ފަހަރަކު... މިތަނަށް އަންނަން ވިސްނާފަ ހުއްޓާ މިއާދެވުނީ." ލައިލީއަށް ބުނެވުނެވެ. ކުއްލިއަކަށް ލައިލީ ޠަބީޢަތަށް އައި ބަދަލު އަކިޔަލްއަށް ފާހަގަކުރެވުނެވެ.
"ފްރެންޑެއްބުނި މިތާ ކޮފީތައް ވެސް ވަރަށް މީރޭ." ކެފޭގެ ދޮރު ލައިލީ ވަންނަން ދެން ހިފަހައްޓާލަ ދީގެން ހުރެ އަކިޔަލް ވާހަކަދެއްކިއެވެ.
ދެ ޒުވާނުން އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. ކާއެއްޗެހީގެ މެނޫ ފެނުމުން ލައިލީއަށް ލޯބޮޑުކޮށްލެވުނީ އަގު ތަންކޮޅެއް މަތީގައި އުޅޭތީއެވެ. އެހެންވިޔަސް އޭނާ އިނީ އެތަނުގެ ކާއެއްޗެއްގެ ރަހަ ބަލާލަން ބޭނުންވެފައެވެ. ލައިލީ މޭޕަލް ކަސްޓަޑް ވޯފްލްއަށް އޯޑަރު ދިންއިރު އަކިޔަލް ނެގީ ބްލޫބެރީ ޕައިގެ ފޮއްޗެކެވެ.
"ޝެއަރ ކުރަމާ. އޭރުން ދޭތީގެ ރަހަ ވެސް ބެލުނީ." ކޮފީއާއެކު ކާއެއްޗެހި ގެނެސް މޭޒުމަތީ ބެހެއްޓުމުން އަކިޔަލް ޚިޔާލު ފާޅުކުރިއެވެ.
"ޔެސް. ތިވެސް ވަރަށް މީރު ގޮތަކަށް ހުރީ." އަކިޔަލް ގެނައި ޕައި ފޮއްޗަށް ލައިލީ ދަހިވެފައި ބަލާލިއެވެ. ކާއެއްޗެހިން އަރާ މީރުވަހާއި ކޮފީގެ ވަހުން ވެސް ނަފްސު ތާޒާކުރުވައިފިހެން ލައިލީއަށް އިޙްސާސް ކުރެވެއެވެ. އޭނާ ވޯފްލް ދެފަޅިކުރަން އުޅުނު ގޮތް ފެނި އަކިޔަލް ގޮވާލިއެވެ.
"ލެޓް މީ." އަކިޔަލް މިހެން ބުނެ ލައިލީގެ ތަށި ކައިރިކޮށްލިއެވެ. ނިކަން ފަސޭހަކަމާއެކު ތަށީގައި އޮތް ވޯފްލް ދެ ފަޅިކޮށްލާފައި އަކިޔަލްގެ ތަށިން ބައިކޮށްލި ބްލޫބެރީ ޕައިގެ އެއްފަޅި އެ ތަށްޓަށް ލައިދިނެވެ. އަދި ލައިލީގެ ކުރިމަތީ ތަށި ބަހައްޓާލިއެވެ.
"ތޭންކްސް." ލައިލީ ނިކަން އަވަހަށް ބުނެލިއެވެ.
ކެއުމުގައި ކުރިޔަށް ދިޔައިރު ލައިލީ އެތައް ވާހަކައެއް ދެއްކިއެވެ. ކަނުލާ އޭނާގެ ވާހަކަތައް އަކިޔަލް އަޑު އަހަމުން ދިޔައެވެ.
"ދެން ކީކޭ ލައިގެ ފްރެންޑް ބުނީ." އަކިޔަލް ސުވާލުކުރިއެވެ.
"ދަރަކްއާ ވާހަކަދެއްކުމަށް. އައި ޝުޑް ފައިޓް ފޯ މައި ހަޒްބަންޑް." ލައިލީ ބުންޏެވެ.
"ފައިޓްއޭ!. އަންހެނުން މީ ބިރުވެރި ބައެއް... އެހެން ކަންތައް ކުރާން ލައިއަށް ނުކެރިގެން ދޯ ތިހުންނަނީ." އަކިޔަލް ބުނެލިއެވެ.
"އޭނާއާ ކުރިމަތިލާން ޖެހޭތީ. އެގޮތް ބޭނުން ނޫނީ. ސުވާލެއްނުކޮށް އެނގޭނެ ގޮތެއްވާނެނަމައޭ ހިތަށް އަރަނީ. އެފެއާއެއް ހިންގަނީއޭ ޔަގީންކަމާއެކު ބުނެވޭވަރުގެ ހެއްކެއް ބޭނުމީ. ނުސީދާކޮށް ދުރުދުރުން ވާ އިޝާރާތެއް ހެއްކަކަށް ނުފުދޭނެ. އޭގައި އެއްވެސް އޮއްޓަރެއް ނުހުންނާނެ. އެވަރުން އެއްބަހެއް ވެސް ނުވާނެ. ހަޤީޤަތް ހާމަވާނީ ދެކޮޅު ނުހެދޭވަރުގެ ވަރުގަދަ ހެއްކެއް ދައްކައިގެން." ލައިލީ ނިކަން ސީރިއަސްކޮށް ވާހަކަދެއްކިއެވެ.
"ލައިއެކޭ ޑިޓެކްޓިވްއެކޭ ތަފާތެއްނެތް." އަކިޔަލް ހޭންފެށިއެވެ.
"އާކީ... ނުހީބަލަ. މީ ހޭން ޖެހޭވަރަށްވުރެ ސީރިއަސް ކަމެކޭ... ކިހިނެއް އަހަރެން އޭނާއަށް ރިއަލައިޒްކޮށްދޭނީ އޭނާ އެކުރަނީ ގޯސްކަމެއްކަން." ލައިލީއަށް ބުނެވުނެވެ. އޭނާ އަކިޔަލް ކައިރީ ދެއްކީ ނޫރީ ދިން ނަޞޭޙަތުގެ ވާހަކައެވެ.
"ޔޫ އާ ރައިޓް... އެހެންވީމަ... އަހަރެންގެ ޚިޔާލަކީ... ލައި އަހަންނާއެކު އެފެއާއެއް ބޭއްވުން ކިހިނެއްވާނެ؟." މޭޒުގައި ވިއްދާލެވިފައިވާ ވައަތުގައި ދަތްދޮޅި އަޅުވާލައިގެން ކުޑަކޮށް ހެވިފައި އިނދެ އަކިޔަލް ބުންޏެވެ. އަދި ލައިލީގެ ތަށިން އޭނާ ކާން އިން އައިސްކްރީމްކޮޅުން އެތިކޮޅެއް ނައްޓާލުމާއެކު އަކިޔަލް ކާލީ ނިކަން ފާޑުވެރިކަމާއެކީއެވެ.
"ވަޓް." ލައިލީއަށް ސިހިފައި އަކިޔަލްއަށް ބަލަން އިނދެވުނީއެވެ. އެއާއެކު ނިކަން އަވަހަށް ދާދި ދެންމެއަކު އަކިޔަލްގެ ފަރާތުން ފާޅުވި އަސަރުތައް ގެއްލި އޭނާގެ އާންމު އުސޫލަށް ރުޖޫއަވެލައިފިއެވެ. ލައިލީއާ ނަޒަރު ވަކިކޮށްލައި އޭނާ ކެއުމަށް ސަމާލުކަން ދިނީއެވެ. އަދި އޭނާގެ އާންމު ފަރުވާކުޑަ ރާގުގައި ވާހަކަދެއްކިއެވެ.
"އޭނާއަށް ރިއަލައިޒްވާން ލައި ބޭނުންވާނަމަ، އޭނާ ކަންތައްކުރާ ފަދައިން އޭނާއާ މެދު ކަންވެގެން ނޫނީ އެކަމެއްގައި ހުރި އަސަރަކާއި ވޭނެއް އިޙްސާސެއް ނުކުރެވޭނެ." އަކިޔަލް ބުންޏެވެ.
"އާކިއަށް އެނގޭތަ ތިކިޔޭ އެއްޗެއް." ލައިލީއަށް ބުނެވުނެވެ.
"އަހަރެމެންނަށް އެހެން ނޫޅެވޭނެތަ." އަނގަ ފުރައިގެން އިނދެ އަކިޔަލް އަހާލަމުން ލައިލީއަށް ބަލާލިއެވެ.
"އޮފްކޯޒް ނޮޓް. އިތުރަށް ހުރިހާކަމެއް ގޯހުން ގޯހަށް އޭރުން ދާނީ. އެހެންނޫނަސް އަހަރެމެން ދެމީހުންގެ ދެމެދުގައި ހަތް އަހަރުގެ ތަފާތު އެބަހުރި. ތީ އަހަންނަށްވުރެ މާ ކުޑަކުއްޖެއް." ލައިލީއަށް ލިބިފައިވާ ޝޮކުގައި ވާހަކަދެއްކުނެވެ.
"ކުޑަކުއްޖަކޭ ނުކިޔަބަލަ. އަހަރެން ވެސް ޓުވެންޓީސްގަ މިއުޅެނީ. ލައި ވެސް ޓުވެންޓީސްގަ." އަކިޔަލް ނިކަން ހަމަޖެހިލާފައި އިނދެ ބުންޏެވެ.
"މާދަން ތިރީސް އަހަރު ފުރެން ތައްޔާރަށް އިން އަންހެނަކު ޓެވެންޓީސްއަށް ވޭތަ. ސްޓޮޕް ޖޯކިން އާކި." ލައިލީ ބުނެލިއެވެ. އަކިޔަލް ހީނލީއެވެ.
"އަހަންނަށް އުމުރު މުހިންމެއްނޫން. ލައިލީއަށް ތިރީސް އަހަރު ވިޔަސް ތި ރީތިކަމަށް ބަލާލާފައި އެކަކުވެސް ނުބުނާނެ އެހެން. ލައިލީއަށް އެނގޭތަ ލައިލީގެ ރީތިކަން." އަކިޔަލް ހެވިފައި އިނދެ ވާހަކަދެއްކިއެވެ.
"ތިބުނާހާ ރީތި މީހެއްނޫން މަށަކީ." ލައިލީއަށް އަކިޔަލްގެ ވާހަކަތަކުގައި އެއްވެސް ސީރިއަސްކަމެއް ނުވެއެވެ.
"އައުޗް... ތީ ވަރަށް ހަރު ހިތެއްގެ ވެރިޔެއް. ތި ގޮތްދޫނުކުރާ ސިފަ އެއީ ލައިލީގެ އެންމެ އަޅައިގަންނަ ކަމަކީ." އެއްވަރަކަށް ހިނިއައިސްފައި ބޯއަރިކޮށްލައިގެން އިނދެ އަކިޔަލް ވާހަކަދެއްކިއެވެ. ލައިލީ ރަކިވިއެވެ. ނަމަވެސް އޭނާ އެކަން ނުދައްކަން މޭޒުގައި ވިއްދާލައިގެން އިން އަކިޔަލްގެ އަތުގައި ޖެހިއެވެ.
"ސްޓޮޕް އިޓް. މޮޔަ ވާހަކަ ނުދައްކާ. އެހެންވެއޭ އަހަރެން ބުނަނީ އާކި އަބަދުވެސް..." ލައިލީ ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓުނެވެ.
"ލައިލީ." އެ އިވުނީ ދަރަކް ގޮވާލި އަޑެވެ. ލައިލީއަށް އެނބުރެވުނެވެ. އޭރު ސިހިފައި ބަލަން ހުރި ދަރަކްއާ ލައިލީގެ ނަޒަރު ސީދާވެލިއެވެ. ލައިލީއާއެކު އިން އަކިޔަލްގެ ނަޒަރު ވެސް ދަރަކްއަށް ހުއްޓިފައި ވިއެވެ.
(ނުނިމޭ)