އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި ހިދުމަތް ދިނުމުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިމިގްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އެވެ. މޯލްޑިވްސް އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން އެވެ.
މިއެއްބަސްވުމުގެ ދަށުން މި ކޮމިޝަނުން ކުރަމުން ގެންދާ ތަހުގީގުތަކާ ގުޅިގެން ކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން އިތުރުވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަގުސަދު ހާސިލްކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެ އެވެ.
އެގޮތުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ގާއިމުކޮށް އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ދެ މުއައްސަސާއިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގުރާމްތަކުގައި، ދެ މުއައްސަސާގެ މުވައްޒަފުން ބައިވެރިކުރުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅޭނެ އެވެ.
މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ ދެ މުއައްސަސާގެ މެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އޭސީސީގެ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެންދިއުން ކަމަށެވެ.
މިރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން ވިދާޅުވީ އިމިގްރޭޝަން ފަދަ މުހިއްމު ހިދުމަތެއް ފޯރުކޮށްދޭ އިދާރާއެއްގައި އުޅޭ ކޮންމެ މުވައްޒަފަކީވެސް ނަޒާހަތްތެރިކަން އިސްކުރާ އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
"މި ސޮއިކުރެވުނު އެއްބަސްވުމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް އިތުރަށް ހޭލުންތެރިވެ މުވައްޒަފުންނަށްވެސް އެދެވޭ ތަޖުރިބާއާ ތަމްރީން ލިބިގެންދާނެ،" ކޮންޓްރޯލާ އެވެ.