އޭސީސީ

ކުންފުންޏަކުން ލިބެންޖެހޭ 8.7 މިލިއަން ރުފިޔާ ހޯދަން އޭސީސީން އިމިގްރޭޝަނަށް އަންގައިފި

އަމިއްލަ ކުންފުންޏަކުން 2010 ވަނަ އަހަރު ގެނައި ބިދޭސީންތަކެއްގެ ވޯކް ޕާމިޓް ފީއަށާއި ޖޫރިމަނާއަށް ދައްކަންޖެހޭ އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިމިގްރޭޝަނަށް އަންގައިފި އެވެ.

އޭސީސީން ބުނީ، އަށް މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުންފުންޏަކަށް އެންގީ، އެ ކުންފުނިން ޔޫތު މިނިސްޓްރީ އަށް ދައްކަންޖެހޭ ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ ކޮން ކުންފުންޏެއް ކަމެއް އޭސީސީއަކުން ނުބުނެ އެވެ.

އެ ކުންފުނީގެ އަމިއްލަ ބޭނުމަށް ގެނައި ބިދޭސީންގެ ވޯކް ޕާމިޓް ފީއަށާއި ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 12 އޮކްޓޫބަރު 12، 2010 އާ ހަމަޔަށް 8.7 މިލިއަން ރުފިޔާ ނުދައްކައި އޮތްކަން ތަހުގީގަށް އެނގިފައިވާތީ އެ ފައިސާ އެފަރާތުން ހޯދަން އިމިގްރޭޝަނަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"މި މައްސަލައިގައި މިކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އަމިއްލަ ކުންފުންޏަކާ ގުޅުންހުރި އެކިއެކި މަސައްކަތްތަކަށް ގެނެސްފައިވާ ބިދޭސީންގެ ވޯކްޕާމިޓް ފީއަށާއި ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 12 އޮކްޓޫބަރު 2010 ވަނަ ދުވަހާ ހަމައަށް 8,707,250.00 ރުފިޔާ ނުދައްކައި އޮތްކަން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ލިޔެކިޔުންތަކުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

ފައިސާ ހޯދަން އެކި ފަހަރު މަތިން އެ ކުންފުންޏަށް ޔޫތު މިނިސްޓްރީން އެންގުމުންވެސް ފައިސާ ދައްކާފައި ނުވާކަން ފާހަގަކޮށް އޭސީސީން ބުނީ، އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ވާތީ ޖޫރިމައިނާއާއެކު ފައިސާ ހޯދަން އިމިގްރޭޝަން މެދުވެރިކޮށް ވެސް މިމަހުގެ އަށް ވަނަ ދުވަހު އެ ކުންފުންޏަށް އެންގި ކަމަށެވެ.