ހަބަރު

އިމިގްރޭޝަނުން ފައިސާތަކެއް ގެއްލުނު މައްސަލައެއް ނުބަލަން: އޭސީސީ/ފުލުހުން

އިމިގްރޭޝަނުން އަށް މިލިއަން ރުފިޔާ ގެއްލުނު މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ބުނެ ފަތުރާފައިވާ އަޑުތައް ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އިމިގްރޭޝަނުން ފައިސާތަކެއް ގެއްލުނު މައްސަލައެއް ފުލުހުންނާއި އޭސީސީއިން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު، އިމިގްރޭޝަން އޮފީސްގެ އިދާރާ ބަލާ ފާސްކޮށް ލިޔެކިޔުންތަކެއް އޭސީސީއިން ގެންގޮސްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު "އަވަސް"އަށް ވިދާޅުވީ، އިމިގްރޭޝަނުން ފައިސާތަކެއް ގެއްލުނު ކަމެއް އެ ކޮމިޝަނަށް އެނގިފައި ނެތް ކަމަށާއި އެފަދަ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން ނުދާ ކަމަށެވެ. ލުތުފީ ވިދާޅުވީ، އެ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެބަ ބުނޭ ހޮނިހިރު ދުވަހު އޭސީސީއިން އިމިގްރޭޝަންގެ އޮފީސް ބަލާ ފާސްކުރި ކަމަށް، އެއީ ހަމަ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް، ހޮނިހިރު ދުވަހެއްގައި އަދި ވަކިން އެފަދަ ކަމެއް އޭސީސީއިން ނުކުރާނެ،" ލުތުފީ ވިދާޅުވި އެވެ.

މީޑިއާތަކުގައި ވަނީ، އިމިގްރޭޝަނުން ވައްކަންކުރި އެތަނުގެ މުވައްޒަފަކު ހައްޔަރުކުރި ކަމަށް ވެސް ބުނެ އެވެ. އަދި އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުން ބަލަމުންނުދާ ކަމަށާއި އިމިގްރޭޝަނުގެ މުވައްޒަފެއް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އިމިގްރޭޝަނުން ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.