ހަބަރު

ހައްޖު ނިޒާމާއި އިމިގްރޭޝަންގެ ކޮރޮޕްޝަން ރިސްކް އެސެސްމަންޓެއް ހަދަނީ

ހައްޖަށް މީހުން ގެންދިއުމުގެ ނިޒާމާއި އިމިގްރޭޝަން ދައިރާގައި ހުރި ހިޔާނާތަށް މަގުފަހިވާ ކަންކަން ބެލުމަށް ދިރާސާއެއް ހަދަން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ކަސްޓަމްސް ދާއިރާއަށް ހެދި "ކޮރޮޕްޝަން ރިސްކް އެސެސްމަންޓް" ރިޕޯޓު ނެރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ މައްސަލަތައް ހަމައެކަނި ތަހުގީގުކޮށްގެން ކޮރޮޕްޝަން ހުއްޓުވުމަކީ އުނދަގޫ ކަމެއް ކަމަށާއި އޭގެ އިތުރުން ހިޔާނާތަށް މަގުފަހިވާ ކަންކަން ހޯދާ އެކަން އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އޭސީސީން އިން ކޮރޮޕްޝަން ރިސްކް އެސެސްމަންޓު ރިޕޯޓް ހަދަން މިދިޔަ އަހަރުު ފަށާފައިވާ ކަމަށާއި އެގޮތުން ކަސްޓަމްސްއާ ގުޅޭ ރިޕޯޓުގެ އިތުރުން ސިއްހީ ދާއިރާއާ ގުޅޭ ރިސްކް އެސެސްމަންޓެއް ހަދާފައިވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި އަހަރު ތެރޭގައި އިތުރު ދެ ދިރާސާއެއް ކުރާނެ ކަމަށާއި އެގޮތުން އިމިގްރޭޝަން ދާއިރާ އާއި ހައްޖަށް މީހުންގެ ގެންދިއުމުގެ ނިޒާމްގައި ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ބެލުމަށް އެސެސްމަންޓެއް ވެސް ހަދާނެ ކަމަށެވެ.

"ފަސާދައިގެ އަމަލުތައް ނައްތާލުމަށްޓަކައި ހަމައެކަނި ތަހުގީގުކޮށްގެން ނުފުދޭ، އަޅުގަނޑުމެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން، މީގެ ފައިދާ ހުރިހާ ފަރާތްތަކަށް ވެސް ވާނެ،" މުއައްވިޒް ވިދާޅުވި އެވެ.

ހައްޖާއި އިމިގްރޭޝަން ދާއިރާ އަ ގުޅޭ ކޮރޮޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓެއް ހަދަން އޭސީސީން ނިންމާފައިވާ އިރު މިއަދު ނެރުން ކަސްޓަންސްއާ ގުޅޭ އެ ރިޕޯޓުން ވެސް ވަނީ ގިނަ މައްސަލަތަކެއް ފާހަގަވެފަ އެވެ. އަދި އެކަން އިސްލާހު ކުރެވޭނެ ގޮތްގޮތް އޭސީސީން ވަނީ ކަސްޓަމްސް އަށް ލަފަ އަރުވާފަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ކަންކަމުގައި ވަރަށް ބޮޑެތި ހިޔާނާތައް ރާޖޭގައި ހިނގާފައިވެއެވެ. އަދި އިމިގްރޭޝަންގެ ކަންކަމާ ގުޅިގެން ބައެއް ފަރާތަކުން ބައެއް ތުހުމަތުތައް ކުރެއެވެ.