ސިވިލް ކޯޓް

ސިސިލްފަރު މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްފި

މި އަހަރު މީހުން ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް ހުއްދަ ދިނީ އުސޫލުގެ ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު ގުރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ސިސިލްފަރުގެ މައްސަލަ އިޖުރާއަތުތައް ފުރިހަމަވެފައި ނުވާތީ އެމައްސަލަ ކޯޓުގައި ކުރިއަށްގެން ދެވެން ނެތް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސިސިލްފަރު ގްރޫޕުގެ ފަރާތުން ވަކާލާތު ކުރެއްވާ ވަކީލު ނާޒިމް ސައްތާރު ވިދާޅުވީ، މައްސަލަ ކޯޓަށް ހުށަހަޅުމުގެ ކުރިން އެ ކުންފުނިން ފުރަތަމަ އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ބުނެ އެ މައްސަލަ ކޯޓުން ބޭރުކޮށްފައިވާ ކަމަށެވެ.

ސިސިލްފަރު ގުރޫޕުން އިސްލާމިކް މިނިސްޓްރީ އާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީ އެ ހައްޖަށް ފޮނުވުމުގެ ހުއްދަ ދޭ ކުންފުނިތައް ކަނޑައެޅީ މައުލޫމާތު ދިން ގޮތާ ހިލާފަށް މާކްްސް ދީގެން ކަމަށް ބުނެ އެވެ. ހައްޖަށް މީހުން ގެންދަން ހުއްދި ނުދިން މައްސަލަ ސިސިލްފަރު ހައްޖު ގުރޫޕުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅައިފަ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމުގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވެފައިވަނީ، ހުއްދަ ދިނުމުގައި އެ މިނިސްޓްރީން އަމަލުކުރި ގޮތާ މެދު އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށާއި އެކަން އެ މިނިސްޓްރީން ކުރީ ނަޒާހަތްތެރިކަމާ އެކު ކަމަށެވެ. އަދި ކުންފުންޏަކުން ކޯޓަކަށް މައްސަލަ ހުށަހަޅާނަމަ، ކަމުގެ މައުލޫމާތު ފުރިހަމައަށް ސާފުކުރުމަށްފަހު ކޯޓަށް ހުށަހެޅުން ރަނގަޅު ކަމަށެވެ.